back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އައްޑޫ ސިޓީން %83 އޮޑިފަހަރު ދަފްތަރުކޮށްފި

އައްޑޫ ސިޓީގައި މަސްވެރިކަން ކުރަމުން އަންނަ އޮޑިފަހަރުގެ ތެރެއިން %83 އޮޑިފަހަރު ރަޖިސްޓްރީކޮށް ނިމިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ، މަސްވެރިންގެ ގައުމީ ދަފްތަރު ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް އައްޑޫ ސިޓީން %83 އޮޑިފަހަރު ރަޖިސްޓްރީކޮށް ނިމިފައިވާކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިނިސްޓްރީން މިހާރު އަމާޒު ހިފާފައިވަނީ، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ ހުރިހާ ދޯންޏަކާއި އެ ދޯނިތަކުގެ ފަޅުވެރިން ދަފުތަރުކޮށް ނިންމުމަށެވެ. އެގޮތުން، މަސްވެރިން ދަފްތަރުކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، 10 ސަރަަހައްދެއްގައި މިނިސްޓްރީގެ ޓީމްތަކުން ދަނީ، ދަފްތަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމުގައި ކައުންސިލްތަކާއި މަސްވެރިންނާއި، އޮޑިވެރިންވެސް ދަނީ އެއްބާރުލުން ދެމުން އަންނަކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެއެވެ.

ސަރުކާރުގެ ހަފުތާ-14 މަގުޗާޓުގައި ހިމަނައިގެން، މަސްވެރިންގެ ދަފްތަރު އެކުލަވާލާ، އޭގައި ރަޖިސްޓްރީވުމަށް ފިޝަރީޒް މިނިސްޓްރީންް ހުޅުވާލާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 16ވަނަ ދުވަހު އެވެ. މަސްވެރިން ދަފްތަރު ކުރަމުންދަނީ، ފިޝަރީޒް މިނިސްޓްރީގެ ”ކެޔޮޅު“ ސިސްޓަމަށް އިތުރުކުރި މޮޑިއުލްއަކަށެވެ. ކެޔޮޅު ސިސްޓަމަކީ މަސްވެރިކަމާ ގުޅުންހުރި މަޢުލޫމާތު ނަގައި، ރައްކާކޮށް ބަލަހައްޓާ ނިޒާމެކެވެ.

މިނިސްޓްރީން ބުނީ، މަސްވެރިންގެ ޤައުމީ ދަފްތަރު ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށްޓަކައ،ި 1 އޮކްޓޫބަރު 2024 އިން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އައުކުރުމުގެ މަރުޙަލާގައި އުޅަނދުގެ އެންމެހައި ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާކަން ޔަޤީންކުރާނެކަމަށެވެ. އަދި، ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިން 1 އޮކްޓޯބަރުގެ ކުރިން ދަފުތަރުގައި ރަޖިސްޓަރ ކުރެވިފައިވާކަން ކެޔޮޅު ނުވަތަ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު އޮޕަރޭޓް ކޮށް އުޅަނދުގެ ކަންކަމާ ޒިންމާވާ ފަރާތުން ޔަގީންކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިލިޔުމާއި ގުޅޭ