އަމާޒަކީ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ ހުރިހާ ދޯންޏަކާއި އެ ދޯނިތަކުގެ ފަޅުވެރިން ދަފުތަރުކޮށް ނިންމުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ، މަސްވެރިންނާއި، ދޯނިތައް ދަފުތަރުކުރުމުގެ މަސައްކަތުގެ ދަށުން، މިހާތަނަށް ށ. ރ. ގއ. ގދ. އަދި ޏ. އަތޮޅުގައި މަސްވެރިކަން ކުރާ %50 އަށްވުރެ ގިނަ މަސްދޯނި، މަސްވެރިންގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައިވާކަމަށެވެ. މިނިސްޓްރީން ބުނީ ދަފުތަރު ކުރެވިފައިވާ މަސްދޯނިތަކާއި ފަޅުވެރިންގެ އަދަދު ފަހުން ހާމަކުރާނެކަމަށެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހު މި ނޫހާ ފިޝަރީޒް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އެކި ސަރަހައްދުތަކުން މިހާތަނަށް، 542 މަސްވެރިންނާއި، 172 އޮޑިވެރިން ދަފްތަރު ކުރެވިފައި ވެއެވެ.
ސަރުކާރުގެ ހަފުތާ-14 މަގުޗާޓުގައި ހިމަނައިގެން، މަސްވެރިންގެ ދަފްތަރު އެކުލަވާލާ، އޭގައި ރަޖިސްޓްރީވުމަށް ފިޝަރީޒް މިނިސްޓްރީންް ހުޅުވާލާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 16ވަނަ ދުވަހު އެވެ. މި މަހުގެ 16 ވަނަ ދުވަހާ ހަމަޔަށް ހަތް މަސްވާނެއެވެ. އެހެންކަމުން މަސްވެރިންގެ އާބާދީއަށް ބަލާއިރު، މި މުއްދަތުގައި ރަޖިސްޓްރީ ކުރެވިފައި މިވަނީ ނިސްބަތުން ވަރަށް މަދު ބައެކެވެ.
މަސްވެރިން ދަފުތަރު ކުރުމުގެ މަސައްކަތް އަވަސްކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން މިނިސްޓްރީގެ ޓީމުތައް ދަނީ މަސައްކަތް ކުރަމުންދެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޓީމުތައް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ، މި ހަފުތާގައި މިނިސްޓްރީގެ ޓީމުތައް ޅ. ދ. ލ. ގއ. ގދ. އަދި ސ. އަތޮޅުގައި ހަރަކާތްތެރިވާނެކަމަށެވެ. ވަކީން ޚާއްޞަކޮށް މަސްކިރާ ސަރަހައްދުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޓީމުތައް މަސައްކަތް ކުރާނެކަމަށާއި، އޭގެ ބޭނުމަކީ ވީހާވެސް ގިނަ މަސްވެރިންނާއި ބައްދަލުކޮށް ކެޔޮޅު އެޕްލިކޭޝަނާއި ދަފުތަރާއި ގުޅޭ މައުލޫމާތު ފޯރުކޮށް ދިނުންކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. މަސްވެރިން ދަފުތަރު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ސަރުކާރުގެ ސިޔާސަތަކީ، މަސްވެރިންނަކީ ދައުލަތުގެ މުއައްސަސާއެއްގައި ދަފުތަރުވެފައި ތިބި ބަޔަކަށް ހެދުންކަމަށްވާއިރު، ދަފުތަރުގެ މަސައްކަތް ނިމޭއިރު، ރާއްޖޭގައި މަހަށް ދުއްވާ ހުރިހާ ދޯންޏަކާއި، ކެޔޮޅުންނާއި އަދި ފަޅުވެރިންގެ ރަސްމީ މަޢުލޫމާތު ވުޒާރާގެ ޑޭޓާބޭސްގައި ރައްކާކުރެވި ބެލެހެއްޓިގެން ދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.