މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) ގެ ފެސިލިޓީތަކަށް މަސްް އޮޑިފަހަރުން މަސްގަތުމަށްފަހު ފައިސާ ދެއްކުން ލަސްވާ މައްސަލަ މިވަނީ ވަރަށް ބޮޑުވެފަ އެވެ.
މިފްކޯއިން މި ފަހަކަށް އައިސް އޮޑިފަހަރަށް ފައިސާ ދައްކަމުން ދަނީ ދެހަފްތާއަށް ވާ ފައިސާގެ މަގުންނެވެ. އެހެންނަމަވެސް އެ ދެހަފްތާގެ ފައިސާވެސް ސީދާ އެދުވަހަކަށް ދެއްކޭ ގޮތެއް ނުވެއެވެ. ސަބަބެއް ކަމުގައި ބުނަމުންދަނީ ކުންފުނީގެ ކޭޝް ފްލޯވ އާ ސަރުކާރުގެ ކޭޝްފްލޯވ ގެ މައްސަލަ އެވެ.
އެންމެ ފަހުން ދެހަފުތާއެއްގެ ފައިސާ ދައްކާފައިވަނީ މިމަހުގެ 3 ވަނަ ދުވަހު އެވެ. އެ ދުވަހު ދެއްކީ އޯގަސްޓް މަހުގެ 9 އިން 23(15 ދުވަސް) އަށް ކިރާފައިވާ 445 މެޓްރިކް ޓަނަށްވާ 7 މިލިއަން ރުފިޔާ އެވެ. އެ ދެ ހަފްތާގެ ފައިސާ ދައްކާފައި އެވަނީ 10 ދުވަސް ފަހުންނެވެ.
މިހާރު މިއޮތީ އަނެއް ދެހަފުތާއާ ޖެހިފަ އެވެ. އެއީ، 24 އޯގަސްޓުން އިން ސެޕްޓެމްބަރު 9 އާއި ދެމެދަށްވާ 2 ހަފްތާގެ މުއްދަތުގެ ފައިސާ އެވެ. މިމަހުގެ 3 ވަނަ ދުވަހު މިފްކޯއިން ބުނީ، މި ދެހަފްތާގެ ފައިސާ ދައްކާނެ ގޮތުގެ ތަފްސީލު އިނގޭނީ ސެޕްޓެމްބަރު 9 ވާ ހޯމަ ދުވަހު ކަމަށެވެ. އަދި އެ މުއްދަތު(ދެ ހަފްތާ) ހަމަވުމުން އެ ފައިސާވެސް ވީހާވެސް އަވަހަށް އޮޑިވެރީންނަށް ޖަމާކޮށްދޭނެ ކަމަށެވެ. ނަމަވެސް ހަފްތާ ނިމިގެން މި ދިޔައީ ޚަބަރެއް ނުވެއެވެ.
ކުރިން ފައިސާ ދެއްކި ދެ ހަފުތާ އާ އަޅާ ކިޔާ އިރު، މިހާރު ބެކްލޮގްގައި އޮތް ހަފްތާގައި އޮޑިފަހަރުން މަސްކިރި މިންވަރު މިވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. 24 އޯގަސްޓް އިން 30 އޯގަސްޓްގެ ނިޔަލަށް(ފުރަތަމަ ހަފްތާ) ގައި 415 މެޓްރިކް ޓަނުގެ މަސް ކިރާފައި ވެއެވެ. އަދި 31 އޯގަސްޓް އިން ސެޕްޓެމްބަރ 6 އަަށް(ދެވަނަ ހަފުތާ) ގައި 467.80 މެޓްރިކް ޓަނުގެ މަސް ކިރާފައި ވެއެވެ. އެހެންކަމުން މި މުއްދަތުގައި އޮޑި ފަހަރުން މި ވަނީ މިފްކޯގެ ފެސިލިޓީތަކަށް ޖުމްލަ 882.80 މެޓްރިކް ޓަނުގެ މަސް ކިރާފަ އެވެ. މިދެ ހަފްތާ އެކަނި އަޅާކިޔާއިރުވެސް މިއީ، %12 އިތުރު އަދަދެކެވެ.
މިފްކޯއިން މަސްވެރިންގެ ބިލްތަކަށް ފައިސާ ދެނީ، ކްރެޑިޓަށް ނަގާފަ ހުންނަ ތެލާއި، އައިސްގެ އަގު އުނި ކުރުމަށް ފަހުގަ އެވެ.
އޮޑިވެރިން ބުނީ، މިފްކޯއިން ކްރެޑިޓަށް ތެޔޮ ދޫކުރަނީ މިފްކޯގެ ”ބެކްލޮގް“އޮންނަނަމަ އެކަންޏެވެ. ”ބެކްލޮގް“ ނެތްނަމަ ތެޔޮ ނުދޭކަމަށެވެ. އެހެންކަމުން ،އެއީ ތެޔޮ ކްރެޑިޓަށް ދޫކުރަނީކަމަށް ނުބެލެވޭނެ ކަމަށް މަސްވެރިން ބުނެއެވެ. 31 އޯގަސްޓް އިން ފެށިގެން، މަސްވެރިން މަހަށް ފުރަން ހިތްވަރު ދިނުމުގެ ގޮތުން ކަމަށް ބުނެ، ”މިފްކޯއަށް މަސްކިރާ“ އޮޑި ފަހަރަށް 10 ޓަނާ ހަމައަށް މިފްކޯއިން ދަނީ އައިސް ދޫކުރަމުންނެވެ.