ގއ. ދާންދޫގައި ގޭދޮށު މަސް ފެކްޓަރީއެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް އަލުން އިއުލާނުކޮށްފި އެވެ.
ދާންދޫ ކައުންސިލުން ގޭދޮށު މަސް ފެކްޓަރީއެއް ތަރައްގީކޮށް ހިންގަދޭނެ ފަރާތެއް ހޯދަން އަލުން އިއުލާނުކުރި މިދުަ މަހު އެކަމަށް ހުޅުވާލި ފުުުރުސަތުގައި އެދެވޭ އިޖާބައެއް ލިބިފައި ނުވާތީ އެވެ. ކައުންސިލުން ބުނީ، އެކަމަށް ހުޅުވާލާ މިދިޔަ މަހުގެ 21 ވަނަ ދުވަހު ކުރި އިއުލާނުގ މުއްދަތު ހަމަވީއިރު ބީލަން ހުށަހެޅި އެންމެ ފަރާތަކުން ކަމަށެވެ. އަދި، އެފަރާތުން މާ ކުޑަ އަގެއް ހުށަހަޅާފައިވުމާއެކު، ބީލަން ކެންސަލްކޮށް އަލުން ހުޅުވާލީ ކަމަށެވެ.
ކައުންސިލުން މިހާރު ވަނީ ބީލަމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރެވޭނީ، https://forms.gle/XJbJ3v9D3oZi5uHJA މި ލިންކް މެދުވެރިކޮށް، ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ނަންބަރު، ފޯންނަންބަރާއި، އީ-މެއިލް އެޑްރެސް ފޮނުވައިގެންނެވެ.
ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ މިމަހުގެ 17 ވާ އަންގާރަ ދުވަހުގެ 13:00 ގައި ދާންދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އޮންލައިންކޮށް ބާއްވާ މި ބައްދަލުވުމުގައި، ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް މީޓިންގއަށް ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، ބިޑް ހުށަހެޅޭނީވެސް އޮންލައިން ޒަރީއާއިން ކަމަށް ދާންދޫ ކައުންސިލުން ބުނެފައި ވެއެވެ.
ދާންދޫގައި ގޭދޮށު މަސް ފެކްޓަރީއެއް ޤާއިމު ކުރުމަށް ބީލަން އުސޫލުން 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ، އެރަށުގެ އޭޒޯން ލައިސެންސް ޓްރެކާއި ޖެހިގެން އިރަށް އޮންނަ 20,000 އަކަފޫޓުގެ ބިމެކެވެ. އެ ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 00.50 (ފަންސާސް ލާރި) އެވެ.
އެ ފެކްޓަރީ ގާއިމުކުރުމަށް ނިންމާފައިވަނީ މަދުވެގެން ދުވާލަކު 10 ޓަނުގެ މަސް ކައްކައި ހިއްކޭ އަދި 30 ޓަނުގެ މަސް ރައްކާކުރެވޭނެ އައިސް ސުޓޯރޭޖްތަކަކާ އެކުގަ އެވެ.