މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މި މަސްއޮޑިފަހަރަށް ތެޔޮ ދޫކުރަނީ އެ ކުންފުނިން މަސްވެރިންނަށް ދޭން ހުންނަ ދަރަނި ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށް ކެޔޮޅުން ބުނެފި އެވެ.
މިފްކޯއިން މަސްވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، އޮޑިފަހަރަށް ތެޔޮ ކްރެޑިޓަށް ދޫކުރާ ކަމަށް ބުނަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ކެޔޮޅުން ބުނީ، މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ދޫނުކުރާކަމަށާއި، ތެޔޮ ދެނީ އޮޑިފަހަރުން މިފްކޯއަށް މަސް ގަނެފައި، އެއަށްވާ ފައިސާ ނުދެއްކޭތީ އޭގެ ބަދަލުގައި ކަމަށެވެ.
”ޚަބަރުތައް ކިޔާލީމައި ހީވާކަހަލަ މިފްކޯއިން މަސްވެރިންނަށްޓަކައި ގުރުބާންވަނީއޭ. މުޅިން އޮޅުވާލައިގެން ވާހަކަ އެދައްކަނީ. މަސްވެރިންނަށް ކްރެޑިޓަަކަށް ނޫން ތެޔޮ ދެނީކީ. މިފްކޯގެ ބެކްލޮގް އޮތިއްޔާ ނޫނީ ތެލެއް ނުދޭ. އެއީ، ބޮޑު އޮޅުވާލުމެއް. އޮޑިއަށް ފައިސާ ދައްކަން ހުރިއްޔާ އެއަށް ވާވަރަށް ތެޔޮ ދީގެން އެމީހުންގެ ދަރަނި ހަމަޖައްސަނީ. އެއަށްވުރެ ގިނަައަކުން ނުދޭނެ. ދެން އަހަރުމެންނަށް ފައިސާދޭއިރު އެބައި މިކަނޑާލަނީ. އެމީހުންނަށް ހުރިހައި ގޮތަކުންވެސް ފައިދާވާގޮތަށް ކަންކަން މިކުރަނީ.“ ކެޔޮޅަކު ބުންޏެވެ.
ކެޔޮޅުން ބުނީ، މިފްކޯއިން ކްރެޑިޓަށް ތެޔޮ ދޭކަމަށްވާނީ، އޮޑިއަކުން ތެޔޮ ހޯދަން ދާ ކޮންމެ ފަހަރަކުވެސް ތެޔޮ ކްރެޑިޓަށް ލިބޭނެ އުސޫލެއް ނުވަތަ އިންތިޒާމެއް ހަމަޖައްސާފައި އޮތުމުންކަމަށެވެ. އެނޫންނަމަ، އެއީ ކްރެޑިޓަށް ތެޔޮ ދޫކުރަނީކަމަށް ނުބެލެވޭނަކަމަށެވެ.
”މިހާރު ތެޔޮ އެދޫކުރަނީ، އެމީހުންގެ އަމިއްލަ ބޭނުމަށް، ވަކި އެޖެންޑާއެއްގެ ދަށުން. އެއީ، އެއްގޮތަކަށްވެސް އަހަރުން ގަބޫލުކުރާގޮތެއް ނޫން. ގޮތްހުސްވެ، ހާލުގައި ޖެހުނީމާ އެނޫންގޮތެއް ދެން ނޯންނެތާ އަހަރުމެންނަށް. އާދޭސްކޮށް ފައިބުޑަށް ވެއްޓެން އަހަރުމެންނަށް މިޖެހެނީ. މިފްކޯއިންވެސް ސަރުކާރުންވެސް ބޭނުންވަނީ މަސްވެރިން މިހާލުގައި ބައިތިއްބަން. އެނޫންނަމަ، ހަމަ ދާ ކޮންމެ ފަހަރަކު، ބޭނުންވަރަކަށް ކްރެޑިޓަށް ޖަހާފަ ދޭންވީ ނުން. އަހަރުންމެން އަތުން މަސް ކްރެޑިޓަށް ނަގާފަ، ހިތައް އެރިއިރަކުވިއްޔާ މިފްކޯއިން ލާރިކޮޅު ދެނީ.“ ކެޔޮޅަކު ބުންޏެވެ.
ކެޔޮޅުން ބުނީ، ހުރިހައި ކަމެއްގައިވެސް މިފްކޯއިން ޚަބަރު ފަތުރަމުންދަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި މަސްވެރިންނަށް އޮތް އިތުބާރު ގެއްލި މިހާރު މަސްވެރިންނާ ދޭތެރޭ ދެކޭގޮތް މުޅިން ބަދަލު ވެފައިވާކަމަށެވެ. އަދި ޚާއްސަކޮށް، މަސްވެރިންނަށް ދައުލަތުގެ ޚަޒާނާ އެއްކޮށް ސަރުކާރުން ދީގެން އުޅޭހެން ރައްޔިތުންނަށް ފަހުމްވާ މޭރުމުން ސިޔާސީ އެކި ޕްލެޓްފޯމްތަކުގައި ސަރުކާރުގެ ކަމާގުޅޭ މަސްއޫލުވެރިން ވާހަކަ ދައްކާދެއްކުން ކެޔޮޅުން ވަރަށް ބޮޑަށް ފާހަގަކުރެއެވެ.
”މިހާރު ދޭތެރެ ދޭތެރެއިން މިފްކޯއިން މި ބުނަނީ، މަސްވެރިންނަށް މިލިއަނުން ފައިސާ ދޫކޮށްފީމޭ. މިނިސްޓަރު އަރާ ޕީއެންސީ ޖަގަހައިގެ މިކިޔަނީ މިހާތަނަށް މަސްވެރިންނަށް ބިލިއަނުން ފައިސާ މި ސަރުކާރުން ދިފީމޭ. ރައީސް އަރާ މި ބުނަނީ މަސްވެރިންގެ ބެކްލޮގެއް މިހާރު ނޯންނާނެޔޭ. މިހުންނަނީ ހައްތާވެސް އޮޅުވާލުންތައް. އަހަރުމެން ގޭގައި ނިދާފައި ތިއްބާ ސަރުކާރުން އަހަރުމެންގެ އެކައުންޓަށް ފައިސާ ޖަމާކުރަނީއްޔެއް ނޫނޭ. އަހަރުން އަތުން ގަތް މަހަށް، ފައިސާ އެމީހުން ދައްކަނީ. މީ ދެން ކިހާ ބޮޑު އަޅުވާލުމެއް. އަސްލު ރައްޔިތުންނަށް އެމީހުން މިވާނުވާ އެބަ ރަނގަޅަށް ކިޔާދޭންޖެހޭ.“ ކެޔޮޅަކު ބުންޏެވެ.
ކެޔޮޅުންގެ އެދުނީ، ތެޔޮވެސް، އައިސްވެސް ކްރެޑިޓަށް ދޫކުރާނެ ރަނގަޅު އިންތިޒާމެއް ރާވާ، މަސް ގަންނަ އަގު މިހާރަށްވުރެ ބޮޑުކޮށް، މަސްވެރިން އަތުން ގަންނަ މަހަށް އަވަހަށް ފައިސާ ދެއްކޭނެގޮތެއް ގޮތް މިފްކޯއިން ހަމަޖައްސައި ދިނުމަށެވެ. އަދި މަސްވެރިންނާ ގުޅޭ ޚަބަރުތައް ފެތުރުމުގައި ސަރުކާރާއި، ފިޝަރީޒް މިނިސްޓަރާއި، މިފްކޯއިންވެސް އޮޅުވާނުލާ، ރަނގަޅު މައުލޫމާތު ފެތުރުމެވެ.