ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާ އެކު ބާއްވާ ބައްދަލުވުން ފަށައިފި އެވެ.
ރައީސް އޮފީހުން އެކްސްގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި، މިބައްދަލުވުމާއި ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ، އެ ބައްދަލުވުމަށް އެ ޔޫނިއަންގެ އެންމެ އިސް ބޭފުޅުން ވަޑައިގަންނަވާނެ ކަމަށާއި، މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވޭ ކަންތައްތަކުގެ އިންތިޒާރުގައި ހުންނެވިކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ބޮޑު ކަންނެލި މަސްވެރިކަން ކުރިޔަށްގެން ދިއުމުގައި އެކަމުގައި ހަރަކާތްތެރިވާ މަސްވެރިންގެ އަޑު އަހައިގެން ކުރިޔަށް ދިއުންކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް މިބައްދަލުކުރެއްވުމުން ލިބިގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ ސަރުކާރުގެ އަމާޒަކަށް ވަނީ އަދި ސަރުކާރުގެ ސިޔާސަތަކީ ވެސް ކޮންމެ އިންޑަސްޓްރީއެއްގައި ވެސް މަސައްކަތް ކުރާ ބޭފުޅުންގެ އަޑު އަހައިގެން ކަންތައްތައް ބައްޓަން ކުރުން.“ ރައީސް ވިދާޅުވި އެވެ.
މިހާރު ރައީސް އޮފީހުގައި މި ބައްދަލުވުން ކުރިޔަށް އެބަދެއެވެ. ބައްދަލުވުން ނިމޭނީ 10:30 ގައެވެ.
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުމަށް، 13 ޖޫން 2024 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ’ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން’ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިޢާޔަތްކުރައްވައި، ވަޒީރުން މަޖިލީހުގެ އެ ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖެއްސެވީ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ.
ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ނިންމެވުމަށްފަހު އިތުރު މަޝްވަރާތައް ކުރެއްވުމަށް، ’ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން‘ އާއި، އަދި ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ބައްދަލުކުރައްވާނެކަމަށް އެދުވަހު ރައީސް އޮފީހުން ބުނެފައި ވެއެވެ. މިއަދު މިބާއްވަނީ އެގޮތުގެ މަތިން ބޭއްވޭ ފުރަތަމަ ބައްދަލުވުމެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ޤައުމަށް ގެނެސްދިނުމަށް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.