މަސްކައްކާ ހިއްކުމާ މަހުގެ އެކި ބާވަތްތަކުން ވިޔާފާރި ކުރުމަށް މ. މުލަކުން ދިގު މުައްދަތަކަށް ބިން ކުއްޔަށް ދޫކުރުމަށް ނިންމައިފި އެވެ.
މިކަމާގުޅޭގޮތުން މުލަކު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، އެރަށުގެ ލޭންޑް ޔޫސް ޕްލޭންގައި މަސްވެެރިކަމުގެ ދާއިރާގެ ވިޔަފާރިއަށް 20 އަހަރުގެ މުއްދަތަކަށް 2 ބިން ކުައްޔަށް ދޫކުރަން ހިމަނާފައިވާ ކަމަށާއި، އެ ދެބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައި ވާކަމަށެވެ.
މުލަކު ކައުންސިލުން ބުނީ، މި ދެބިން ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުގެ 11:00 ޖަހާއިރު މައުލޫމާތު ސާފުކުރުމުގެ ސެޝަނެއް ބާއްވާނެކަމަށެވެ. އަދި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގެ 11:00 ޖަހާއިރުކަމަށް ކައުންސިލުން ބުނެފައި ވެއެވެ. މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރު ނުވެވޭ ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންދަންވާނެކަމަށްވެސް ކައުންސިލުން ބުނެއެވެ.
އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށާއި، ލޯކަލް އިންވެސްޓްމަންޓްތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބިން ކުއްޔަށް ހިފަން ކުރިމަތި ލެވެއެވެ.