މަސްވެރިން މަސްވެރިކަމަށް ނިކުންނަށް ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯޯ) އިން ހިލޭ އައިސް ބެހުމަށް ހުޅުވާލި ފުުރުސަތުގައި، 68 ޓަނުގެ އައިސް ދޫކޮށްފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.
މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް ދުވަހު ސްޓޮކް ހުސްވަންދެން ދޯންޏަކަށް 3 ޓަނުގެ މަހުން އައިސް ހިލޭ ދޫކުރާނެކަމަށް ބުދަ ދުވަހު އިއުލާނުކުރިއެވެ. މަސް އޮޑިތަކަށް އައިސް ދޫކުރިގޮތުގެ ތަފާސް ހިސާބުތައް ހިއްސާކޮށް މިއަދު މިފްކޯއިން ބުނީ، މިފްކޯގެ ތިން ސައިޓްތަކުން ބުރާސްފަތި ދުވަހު 24 މަސް ދޯންޏަކަށް ޖުމްލަ 68 ޓަނު އައިސް ދޫކޮށްފައިވާކަމަށެވެ.
އައިސް ދޫކޮށްފައިވާ ގޮތުގެ ތަފުސީލު:
- ގދ. ތިނަދޫ އައިސް ޕްލާންޓް: 5 ދޯންޏަކަށް 15 ޓަނު އައިސް
- ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް: 4 ދޯންޏަކަށް 8 ޓަނު އައިސް
- ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް: 15 ދޯންޏަކަށް 45 ޓަނު އައިސް
މިފްކޯއިން ބުނީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) އިން އެއްވެސް ދޯންޏަކަށް އައިސް އަޅާފައި ނުވާކަމަށެވެ. އަދި، ހިލޭ އައިސް ދޫކުރެވުނު ތަފްސީލް ބެލިބެލުމުން މަސްވެރިކަމަށް އޮންނަ ތަރުހީބު އެނގިގެންދިޔަކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން އުފައްދާ އައިސް ޓަނެއްގެ ހަރަދަށް އެވްރެޖުކޮށް 1300 އާއި 1400 ރުފިޔާ ހޭދަވާއިރު އައިސް ޓަނެއް މިވަގުތު ވިއްކަމުންދަނީ 750 ރުފިޔާއަށެވެ.
މިފްކޯއިން ފާހަގަކުރިގޮތުގައި މެދު ރާއްޖެތެރޭގެ މަސް ދޯނިފަހަރުތަކުގެ މެދުގައި އައިސް އަށް އޮންނަ ޑިމާންޑު ބޮޑުވެފަ ދެކުނުގެ ގިނަ މަސް ދޯނިފަހަރުން އައިސް ނާޅަނީ، އެ ދޯނިތަކުގައި މަސް ފިނިކުރާ ނިޒާމް ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކޮށްފައި ހުރުމުގެ ސަބަބުންނެވެ. އަދި އެއީ އިތުބާރު ހިފޭ ސިސްޓަމަކަށް ވެފައި، ގިނަ ދޯނިތަކުގެ އަމާޒު މިހާރު ހިފާފައި ހުރީ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށެވެ. އަދި އެކަމަށްޓަކައި ފިޝަރީޒް މިނިސްޓްރީއިން ލޯނު އެހީތެރިކަން ފޯރުކޮށްދޭކަމަށާއި، މުސްތަގުބަލުގައި އައިސް އަށް އޮންނަ ޑިމާންޑު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.
މިފްކޯއިން ބުނިގޮތުގައި އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ މަސް ދޯނިފަހަރުތަކަށް އެކުންފުނީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަނީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުންނެވެ.