ރާއްޖޭގެ ފަސް ސަރަހައްދެއް ”ސްޕޯޓްސް ފިޝިން ހަބް“ ގެ ގޮތުގައި ކަނޑައަޅައި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ ބުދަ ދުވަަހު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ހިއްސާކުރައްވަމުންނެވެ.
”ސިންދަފާތުކުރުމުގެ ފުރާޅާށް މިގެންނަނީ ސްޕޯޓްސް ފިޝިން ހަބްއެއް، އެއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ ވައުދުފުޅެއް ކަމަށްވާތީއާވެސް އެކުގައި، ދިވެހި ރާއްޖޭގެ ފަސް ސަރަހައްދެއް އަޅުގަނޑުމެން މި ކަނޑައެޅ. އެނގިވަޑައިގަންނަވާނެ މިހާރު ސްޕޯޓްސް ފިޝިންގ އަކީ ވަރަށް ޓްރެންޑިންގް ހަރަކާތަކަށްވެފައި، ފިޝިންގް އެކްޓީވިޓީއަކަށްވެފަ މިއޮތީ.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ހަބްތައް ތަރައްގީކުރެވިގެންދާނީ ދިވެހިންނާއި ބޭރުގެ ފަރާތްތަކަށްވެސް ބޭނުންކުރެވޭ، އަދި ފަރުމަހުގެ މަސްވެރިކަމަށް އޮތް ގޮންޖެހުންތަކަށްވެސް ހައްލުލިބޭނެ ފަދަގޮތަކަށް ކަމަށެވެ.
”އަޅުގަނޑުމެން ޓާގެޓް މިކުރަނީ ދިވެހިރާއްޖޭގަ ލޯކަލީ ސްޕޯޓްސް ފިޝިންގެ ހަރާކާތްތެރިމިވާ ކޮމިއުނިޓީގެ އިތުރުން، ގްލޯބަލް އިންޓަނޭޝަނަލް ކޮމިއުނިޓީއަށް ވެސް މި ހަބްތަކަކީ ނުވަތަ މިތަންތަން ޑެވެލޮޕްކުރެވި، މިތަންތަނަކީ މީހަމަ އެފަރާތްތަކަށްވެސް ބޭނުންވާ ހައްލުތައް ލިބޭނެ ތަންތަން ކަމުގައި.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މަސްވެރިކަން ސިންދަފާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފިޝް ހަބްތައް ތަރައްގީކުރެވިގެން ދިއުމުން، ރާއްޖެއަށް ވަންނަ ބޭރުގެ އިންވެސްޓްމެންޓްތަކާއި، ދައުލަތަށް ވަންނަ އާމްދަނީ އިތުުރުވެ، އިތުރު ވަޒީފާތައް އުފެދިގެންދާނެކަމަށެވެ.
”ސްޕޯޓްސް ފިޝިން ހަބް“ގެ ގޮތުގައި ފަސް ސަރަހައްދެއް ކަނޑައަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވިނަމަވެސް، އެއީ ކޮން ސަރަހައްދެއްކަމެއް ވިދާޅެއް ނުވެއެވެ.
ފަރުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކޮށް މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް މަސްވެރިކަމުގައި އަދި ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ޚާއްސަކޮށްގެން ލޯނު ސްކީމެއް ފިޝަރީޒް މިނިސްޓްރީން ވަނީ ތައާރަފްކޮށްފަ އެވެ. އެލޯން ސްކީމް އިއުލާނުކޮށް އެކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުގެ އިވެލުއޭޝަން މިހާރުވަނީ ހަދާ ނިންމާފަ އެވެ.
”އެއީ އެސްޑީއެފްސީ މެދުވެރިކޮށް ހުޅުވުނު ފުރުސަތެއް. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އެލޯނުވެސް ހައްގުވާ ފަރާތްތަކަށް އެވޯޑްކުރެވިގެންދާނެ.“ މިނިސްޓަރު ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް އޭގެއިން ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެކުއާ ކަލްޗާ ވަކިސިނާތެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.