ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ޚިދުމަތްކުރެއްވި، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު ނުވަތަ ގިނަ ބަޔަކު ދަންނަ ނަމުންނަމަ އޯކޭ ޒާހިރު އަވަހާރަވެއްޖެ އެވެ.
އެމަނިކުފާނު އަވަހާރަވީ، އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސްރީލަންކާގެ އާސިރީ ހޮސްޕިޓަލުގައި މިއަދުގެ ފަތިހުގެ ވަގުތެއްގަ އެވެ. އަވަހާރަވީއިރު އުމުރުފުޅަކު 75 އެވެ.
މަރްހޫމްގެ މައްޗަށް ކަށުނަމާދުކުރުން އޮތީ މިރޭ އިޝާ ނަމާދަށްފަހު ސްރީލަންކާގެ ޖާވަތާ ޖުމްލަ މަސްޖިދުގަ އެވެ.
ސްރީ ލަންކާގައި ދިރިއުޅުއްވަމުން ގެންދެވި މަރްހޫމް ޒާހިރަކީ، ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމުގެ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ، ވަކިން ޚާއްސަކޮށް ރާއްޖޭގައި ކާރުހާނާ ހިންގަވައި، ގައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މަސްވެރިކަމުގެ އުފެއްދުންތަކާއި ހުއިފިލަނޑާގެ ބާވަތްތައް ބޭރު ޤައުމުތަކަށް އެކްސްޕޯޓު ކުރުމުގައި މަރްހޫމް ޒާހިރު ކުރެއްވި މިންނެތް މަސައްކަތްތައް ފާހަގަކުރެވެއެވެ.
އިޤްތިޞާދީ ދާއިރާގައި އެމަނިކުފާނު ކުރެއްވި މަސައްކަތުގެ އަގު ވަޒަންކޮށް، އުފެއްދުންތެރި މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، 1993 ވަނަ އަހަރު ޤައުމީ އިނާމު ޒާހިރަށް ސަރުކާރުން ވަނީ ދެއްވާފަ އެވެ.
ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މަހްރޫމް މުހައްމަދު ޒާހިރަކީ، އެމްޑީޕީގެ އިސް ފައުންޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެއްވެސް މެއެވެ. އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހަައްމަދު ލަޠީފްގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، އެމްޑީޕީގެ ވެރިންނާއި ސިޔާސީ ފަރާތްތަކާއި، ދައުލަތައް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި، އިގުތިސާދީ ދާއިރާއާއި ،މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޭފުޅުން ގެންދަވަނީ އެމަނިކުފާނުގެ ޚިދުމަތްތައް އާކުރައްވައި، އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.
މަރްހޫމް މުހައްމަދު ޒާހިރުގެ އާއިލާއަށްް ”ކެޔޮޅާ“ނިއުސް ޓީމްގެ ފަރާތުން ތައުޒިޔާ ފޮނުވަމެވެ. އަދި މި ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި ދުއާކުރަމެވެ.