އިހުތިޖާޖު ހުއްޓާލުމަށް ފަހު މަސްވެރިން މަޝްވަރާ އަށް އައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ގޮވާލައިފި އެވެ.
ގދ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަތުގައި ފައިސާ ހުރި ނަމަ މަސްވެރިންނަށް ނުދީ ނުތިބޭނެ ކަމަށާއި އިހުތިޖާޖުކޮށްގެން ވަކި މަސްވެރިންނަށް ވެސް ގައުމަށް ވެސް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށެވެ. މިކަމުގައި މަސްވެރިންނާ އެކު މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު އެދެނީ އިތުރަށް މަޝްވަރާ ކުރައްވަން. އަޅުގަނޑު ވެސް މިހުރީ ތައްޔާރަށް، އަޅުގަނޑާ ބައްދަލުކުރަން ބޭނުންފުޅުވާނަމަ މިރޭ ވިޔަސް މާދަމާ ވިޔަސް މަޝްވަރާ ކުރަން ތައްޔާރަށް،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކަންކަން ހާސިލުވާނީ މަޝްވަރާގެ ރިވެތި އުސޫލުން ކަމަށާއި ރައްޔިތުންގެ ފައިސާއިން ހަދާފައި ހުންނަ އަގުބޮޑު ތަންތަނުގައި މުޒާހަރާކޮށް، އެ ތަންތަނުގައި ހުންނަ އިންޖީނުގެތަކަށް ވަދެ ކަންކަން ކުރުމަކީ މަސްވެރިން ވެސް ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ. އެ ތަންތަން ހުއްޓުމުން ގެއްލުން ވާނީ ރައްޔިތުންނަށް ކަމަށާއި ގައުމެއްގައި ނަމަ ހަމަޔެއް އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
”ރީތި އުސޫލު އެންމެން ވެސް ހިޔާރު ކުރަން ޖެހޭނީ. އެގޮތުގައި ކުރިއަށް ދިޔުމުން އަޅުގަނޑުމެން ބޭނުންވާ ކަންކަން ހާސިލުވާނީ. ހުރިހާ ރައްޔިތުން ވެސް ކަންކަން ކުރަންވީ އެގޮތުގައި. އަޅުގަނޑުގެ ފަރާތުން ލިބޭނީ އެއްބާރުލުން،“ ރައީސް ވިދާޅުވި އެވެ.
މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ނުދީގެން މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ކޫއްޑޫގައި ދަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި ހޯމަ ދުވަހުން ފެށިގެން މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އައްޑޫގެ މަސްވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.