ރަމަޟާން މަސް ބޯމަތިވެފައިވާއިރު މިފްކޯއަށް މަސް ގަތުމަށް ފަހު މަސްވެރިންނަށް ދޫކުރަން ޖެހޭ 400 މިލިއަނެއްހާ ރުފިޔާ އަދިވެސް މަސްވެރިންނަށް ދޫކޮށްފައި ނުވާކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވީއެންމެ އަވަހަކަށް ރާއްޖޭގެ މަސްވެރިންނަށް ފައިސާ ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެމްޑީޕީއިން ގޮވާލާ ކަމަށެވެ.
”ކޮވިޑްގެ އެންމެ ދަތި ހާލުގައި ވެސް ސަރުކާރުގެ އާމްދަނީ އެއްކޮށް ހުއްޓިފައި އޮތް ދަނޑިވަޅުގައި ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ވަނީ ދޫކޮށްފަ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދެވޭ ހާލަތުގައި އެ މަސްވެރިން ކާންބޯން ކުރާ މަސައްކަތުގެ އާމްދަނީ ތިން މަސް ވާއިރު ވެސް ހިފަހައްޓާފައި ވަނީ މިސަރުކާރުގެ ނާގާބިލު ކަމުން. އެތަކެއް މަސްވެރި އާއިލާއަކަށް މި ނިކަމެތި ހާލު ސަރުކާރުން ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން“ އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ރިޔާސީ އިންތިހާބަށް ހުށަހެޅި މެނިފެސްޓޯގައި 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ޑޮލަރުން ފައިސާ ދޫކުރާނެ ކަމަށް ވައުދުވެ އެ އަހުދާ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުން ޚިލާފުވެފައިވާ ކަމަށާއި، މަސްވެރިންނަށް ފައިސާ ދޫނުކޮށް މި ސަރުކާރުން ބޭނުންވާ ހުރިހާ ހަރަދެއް ކުރަމުންދާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
މަސްވެރި އެތަކެއް އާއިލާއެއްގެ އާމްދަނީ އެއްކޮށް ހުއްޓިފައިވާއިރު ވެސް ސިޔާސީ މަގާމުތައް އުފައްދައި އަގުބޮޑު ޕްރޮޖެކްޓުތައް އިފްތިތާހު ކުރަމުންދިޔުން މި ޕާޓީން ބަލައެއްނުގަންނަން. މަސްވެރިންގެ ކެތްތެރިކަން ކޮޅުންލައި ފެށި އިހުތިޖާޖާ ގުޅިގެން ސަރުކާރުން އަނެއްކާ ވެސް މަސްވެރިންނަށް ދޮގު ހަދައި އޮޅުވާލުމަށް ކުރަމުންދާ މަސައްކަތްތައް މިޕާޓީން ކުށްވެރި ކުރަން.“ އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އޭގެ އިތުރުން, ރަމަޟާން މަހަށް ފަހު މަސް ގަންނަ އަގު 15 ރުފިޔާއަށް ތިރިކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަނބުރާ ގެންގޮސް މަސްވެރިންނަށް އޮޅުވާލަން ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި މަސްވެރިން ކުރާ ބުރަ މަސައްކަތަށް ދޭން ޖެހޭ ހަމަ އަގު އަދާކުރުމަށް ހަރުއަޑުން އެ ޕާޓީން ގޮވާލާކަމަށް ބަޔާނުގައި ވެއެވެ.