މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އެލާޓް ނެރެފަ އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީ އަށް މިރޭ 11 އާއި ހަމައަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. މިދެސިޓީއަށް އެލާޓްގެ ނެރެފައިވަނީ ގަޑިއަކު 34 މޭލާއި، 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްނެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އެހެން އަތޮޅުތަކަށް ބަލާއިރު ބ އަތޮޅުން ފެށިގެން ގދ އާ ހަމަޔަށް މިރޭ 10:30 ވަންދެން އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ. އެސަރަހައްދަށް އެލާޓް ނެރެފައިވާ ވަގުތުތަކުގައި، ގަޑިއަކު 25 މޭލާއި 30 މޭލާ ހަމައަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ. އަދި، އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
ހއ އިން ފެށިގެން ރ އަތޮޅާއި ހަމަޔަށް މިރޭ 12:00 ޖަހަންދެން އޮތީ ވައިޓް އެލާޓްގަ އެވެ. އެސަރަހައްދަށް އެލާޓް ނެރެފައިވާ ވަގުތުތަކުގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ހަމައަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ. އަދި، އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
މިދުވަސްވަރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއިއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ. އަދި، ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، ރާޅުތަކުގެ އުސްމިން 9-5 ފޫޓާއި ދެމެދަށް ހުންނާނެ ކަމަށް އެއިދާރާއިން ލަފާ ކޮށްފައި ވެއެވެ.
މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ހިސާބުތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތުމާއި އެކު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީންވެސް ވަނީ، ވިއްސާރަވެ ފެންބޮޑުވެދާނެތީ، ހުރިހާ ރައްޔިތުންވެސް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.