އ.ދ. ގެ އާންމު މަޖިލީހުގައި ފާސްކުރެވުނު އެއްބަސްވުން ކަމުގައިވާ ”އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއަރޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން“ ނުވަތަ ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީ.ބީ.އެން.ޖޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
މި މުއާހަދާ ނުވަތަ އެގްރީމެންޓުގައި ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަަލަ ޚާރިޖީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާގައި އިއްވި އެވެ. އަދި މިރިޕޯޓަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
މިއަދުގެ ޖަލްސާގައި، ”އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއަރޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން“ ބައިވެރިވުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ފުރިހަމަ އަޣްލަބިއްޔަތުންނެވެ. މުއާހަދާގައި ބައިވެރިވުމަށް ފާސްކުރުމަށް ބޭނުންވަނީ 25 ވޯޓެވެ. ޖުމްލަ 48 މެންބަރުން ރުހުންދިނުމަށް ވޯޓުދެއްވި އެވެ. އެހެންކަމުން ފާސްކުރަން ފެންނަވަރަށްވުރެ އިތުރަށްވެސް ވޯޓުލިބުމާއެކު މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު އަސްލަމްވަނީ މި މުއާހަދާގައި ޜާއްޖެއިން ބައިވެރިވާން މަޖިލީހުން ފާސްވިކަން އިއުލާނު ކުރައްވާފަ އެވެ.
”އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއަރޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން“ ދިވެހި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުަހަމައްމަދު މުއިއްޒު ނިންމެވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުން ލަފާ ދިނުމާއި ގުޅިގެންނެވެ. އަދި، މިގޮތަށް ނިންމެވީ އެދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އަދި މުއާހަދާގައި ބައިވެރިވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ފެބްރުއަރީ 29 ގައެވެ.
މި މުޢާހަދާއަކީ ހައި ސީސް ނުވަތަ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ މުޢާހަދާއެކެވެ. މި މުޢާހަދާ އެކުލަވައިލެވިގެން ދިއުމަކީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތެވެ. އަދި ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުވާ މިފަދަ މުޢާހަދާއެއްގައި ދިވެހިރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމަކުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުނެފައި ވެއެވެ.
މި މުޢާހަދާގައި ދުނިޔޭގެ 83 ޤައުމަކުން މިހާތަނަށް ވަނީ ސޮއިކޮށްފަ އެވެ.