ދ. މާދެލީގައި ތަަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި މަސް ފެކްޓްރީ ފ. ނިލަންދުއަށް ބަދަލުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، އެ މަޝްރޫއު ނިލަންދު އަށް ބަދަލު ކުރަން ސަރުކާރުން ނިންމީ، ޓޫރިސްޓު ރިސޯޓެއް ހިންގަން މާދެލީ ދޫކޮށްފައި އޮތުމާއި އެ މުއާމަލާތް ގޮސްފައިވާ މިންވަރަށް ބަލާއިރު، ބަދަލު ދީފައި އެ ރަށް ނެގުމަކީ މާލީ ގޮތުން ދައުލަތަށް ރަނގަޅު ނިންމުމަކަށް ނުވާނެތީ ކަމަށެވެ.
މާދެލިއަކީ މަސް ކިރުވައި އަދި މަސް ބަންދު ކުރާ ކާރުހާނާއަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ފ. ނިލަންދޫގައި 2023 ވަނަ އަހަރުގެ އޯގަސްޓު 17 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭގެ ފަހުން މާދެލީގައި މަސް ފެކްޓަރީ ހަދަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެކު ފިޝަރީޒް މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ މަހުގެ 14 ގަ އެވެ.
މި އެމްއޯޔޫގެ ދަށުން ފުރަތަމަ މަރުހަލާގައި މަސްކިރުމާއި ކެރިއާ ބޯޓުތައް ލޭންޑިންގެ ފެސިލިޓީއަކާއެކު ޚާއްސަ ބަނދަރެއް ތަރައްގީކުރުމާއި، އެކޮމޮޑޭޝަން ގާއިމުކުރުމާއި، މަގުތައް ތަރައްގީ ކުރުން ހިމެނެއެވެ. އަދި، މަސްގަނެ ފިނިކުރެވޭނެ ފެސިލިޓީއެއް ގާއިމުކުރުމާއި، 1،500 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުން ހިމެނެއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތުގެތެރެއިން ދުވާލަކު 50 ޓަނުގެ މަސް ބަންދު ކުރެވޭ ފެންވަރުގެ ފެކްޓަރީއެއް ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ.
ދ. މާދެލީގައި މަސްވެރިކަމާއި ގުޅުންހުރި މުހިންމު މަޝްރޫއުތަކެއް ހިންގަން ހަވާލުކުރިއިރު، އެ ރަށުގައި ލަގްޒަރީ ރިސޯޓެއް ހަދަން ސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑްއާ މިދިޔަ އަހަރު ވަނީ ހަވާލުކޮށްފަ އެވެ. މާދެލީގައި ރިސޯޓެއް ހަދަން އެކުންފުންޏާއި ހަވާލުކޮށް ސޮއިކުރީ ޖުލައި 5، 2023، ގައެވެ.
އިއްޔެ ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ، ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, ފ. ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ހަމަޖައްސަވަައި މެދުރާއްޖޭގައި އަޅާ މަސްފެކްޓަރީ އެރަށުގައި އެޅުމަށް ނިންމަވާފައިވާކަމަށެވެ. އަދި، ފ. ނިލަންދޫގައި މަސްފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މިނިސްޓްރީގެ ސީނިއަރ ޓީމެއް ނިލަންދޫ ކައުންސިލާ އިއްޔެ ބައްދަލުކުރައްވައި، ފެކްޓަރީ ގާއިމްކުރުމަށް އެރަށުގެ ސިނާއީ ސަރަހައްދުގެ ބައެއް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.