back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އެފްއެސްއެމް ޝެޑުން އޮޑިފަހަރަށް ބޭނުންވާވަރަށް ޑީސަލް ސަޕްލައިކޮށްނުދެވެންޏާ ޚިދުމަތްދެވޭނެ ބަޔަކާ ހަވާލުކޮށްލާ: ކެޔޮޅުންގެ ލޮބީ

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) ގައި ގާއިމުކޮށްފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް) ގެ ޝެޑުން މަސް އޮޑި ފަހަރަށް ބޭނުންވާ މިންވަރަށް ޑީސަލް ފޯރުކޮށް ނުދެވޭނަމަ އެތަން ބަންދުކުރަން ކެޔޮޅުންގެ ލޮބީން ގޮވާލައިފި އެވެ.

ކެޔޮޅުންގެ ލޮބީގެ ރައީސް ޝަފްގާ ޝަފީގް(ކެޔޮޅާގެ ދިޔެ) ވިދާޅުވީ، އިއްޔެއިން ފެށިގެން ކޫއްޑޫގެ ޝެޑުން ތެޔޮ ސްޕަލައިކުރުން ހުއްޓާލާފަ އޮތުމަށް ފަހު ތެޔޮ ދޫކުރަން ފެށީ މިއަދު ހަވީރު ކަމަށާއި މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

”މިއަދު ކޫއްޑޫއަށް މަސް ކިރާފަ ތެޔޮ ނޭޅިގެން 11 އޮޑި އަނބުރާ ދާންޖެހުނު. މަސް އޮޑިފަހަރަށް ބޭނުންވާވަރަށް އެފްއެސްއެމްއަށް ވަގުތުން ވަގުތައް ޑީސަލް ސަޕްލައި ނުކުރެވޭނަމަ ތިޔަ ޚިދުމަތް ހުއްޓާލާފަ ތިކަން ވާނެބަޔަކާ ހަވާލުކޮށްލާ!“ ޝަފްގާ ވިދާޅުވެފައި ވެއެވެ.

ޝަފްގާ ވިދާޅުވީ، މިއީ އިއްޔެ ނުވަތަ މިއަދު އެކަނި ދިމާވާ މައްސަލައެއް ނޫންކަމަށާއި، ދޭތެރެ ދޭތެރެއިން އެފްއެސްއެމްގެ ސްޓޮކް ހުސްވެ، އޮޑިފަހަރުތަކަށް ތެޔޮ ނޭޅިގެން ކެޔޮޅުން އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭކަމަށެވެ. މިއީ ކަންތައް ހިނގަން ވާނެގޮތެއް ނޫންކަމަށާއި، ސަރުކާރުން މަސްވެރިންނަށް ދޫކުރާ ސަބްސިޑީވެސް އެ ކުންފުންޏަށް ދޫކުރަމުންދާއިރު، ބަރާބަރަށް އެ ޚިދުމަތް އެފްއެސްއެމްއިން ފޯރުކޮށްްދޭން ޖެހޭނެކަމަށް ޝަފްގާ ވިދާޅުވި އެވެ.

”މަސްވެރިންނަށް ސަރުކާރުން ދޫކުރާ ސަބްސިޑީވެސް ހަމަ މިދަނީ އެފްއެސްއެމްއަށް. އެހެންވެއްޖިއްޔާމު އެބަޖެހޭ މިއަށްވުރެ ރަނގަޅު އިންތިޒާމެއް ހަމަޖެހެން. ސްޓޮކް ހުސްވުމަކީ ކެޔޮޅުން ޒިންމާ ނަގަންޖެހޭ ކަމެއްނޫން. މީގެ ކުރިން ފަހަރެއްގަވެސް މިފްކޯއިން ބިލު ނުދެއްކީއޭ ކިޔާފަ އެތައްދުވަހަކު ތާށިކުރި. މިއީ ސަރުކާރުގެ ކުންފުނިތަކެއް. ދެ ކުންފުނިން އެއްބާރުލުންދީގެން މަސްވެރިންނަށް މީގެ ތަކްްލީފު އުފުލަން ނުޖެހޭ ގޮތަކަށް ކަންކަން އިންތިޒާމުކުރަން އެބަޖެހޭ.“ ޝަފްގާ ވިދާޅުވި އެވެ.

ޝަފްގާ ވިދާޅުވީ، މިފްކޯއަކީ ދިވެހި މަސް ކުންފުނިކަމަށްވީއިރު، އެކުންފުނީގެތެރެއިން ވަށައިޖެހިފައިވާ ނިޒާމެއްގެ ތެރެއިން، މަސްވެރިންނަށް ބޭނުންވާ ހުރިހައި ޚިދުމަތްތައް، ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އޭގެ އެންމެ ރަނގަޅުގޮތްކަމަށެވެ. އަދި އެސްޓީއޯ ނުވަތަ އެފްއެސްއެމްއަށް ބަރޯސާ ނުވެ މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ފުރުސަތު މިފްކޯއަށް ދޭންވީ ވަގުތު އައިސް ޖެހިއްޖެކަމަށް އޭނާ ވިދާޅުވި އެވެ.

”އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގަ މީގެކުރިން މިފްކޯއޮތީ. މިފްކޯ ވަކި ކުންފުންޏަކަށް ހެދީމަވެސް އެސްޓީއޯގެ ކިބައިން ސަލާމަތެއްނުވި. އެސްޓީއޯއިން މިފްކޯއަށް ތެޔޮ މިވިއްކަނީވެސް އަގުބޮޑުކޮށް. އަދި މަސްވެރިންގެ ސަބްސިޑީވެސް އެސްޓީއޯއަށް. އެހެންވީމަ މިބުނަނީ… މިފްކޯއިން އަމިއްލަޔަށް ޑީސަލް އެތެރެކޮށްގެން ވިއްކީމާ މިފްކޯއަށްވެސް އަދި މަސްވެރިންނަށްވެސް މާފައިދާވާނެ. ހަމަ ޔަގީން.މިފްކޯއަށް ދެއްތޯ އިނގޭނީ މަސް ކިރަން ދާ ދޯނީގެއަދަދު، އެވްރެޖް އަދަދަށް ބަލައި، މިފްކޯއަށް އޭރަށް އިނގޭނެ ސްޓޮކް ދަމަހައްޓަން. މިފްކޯއަށް ތެޔޮ އެތެރެކުރަން ހުއްދަ ދޭންވީ. މިއީ ހައްލަކީ.“ ޝަފްގާ ވިދާޅުވި އެވެ.

ކޭއެފްސީއަކީ ދޮށީގެ މަސްވެރިކަމުގެ މައި ސަރަހައްދުގައި ގާއިމުކޮށްފައިވާ މަރުކަޒުކަމަށްވެފައި، އެސަރަހައްދުގެ އޮޑި ފަހަރުގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުން ގިނަ އޮޑިފަހަރުތައް ކޫއްޑޫއަށް މަސްކިރުމަށާއި، ތެޔޮ، އައިސް އަދި ފެންގަތުމަށް ދެއެވެ. މި ޚިދުމަތްތައް ލުއި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މިފްކޯގެ މެނޭޖްމެންޓުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިލިޔުމާއި ގުޅޭ