މާލޭ މަސް މާރުކޭޓުގައި މަހުގެ އަގުހެޔޮ ވާން ފަށައިފި އެވެ.
މާރުކޭޓުގައި ކަޅުބިލަމަސް މިއަދު ވިއްކަމުން ދަނީ ކިލޯއެއް 30-35 ރުފިޔާގެ ރޭޓުންނެވެ. ގިނަ ގޮޅިތަކުން މިއަދު މަސްކިލޯއެއް ވިއްކަމުންދަނީ ކިލޯއެއް 30 ރުފިޔާގެ މަގުންނެވެ. މިދިޔަ ހަފުތާގައި އެވްރެޖްކޮށް ކަޅުބިލަސް ކިލޯއެއް ވިއްކީ 35 ރުފިޔާއަށެވެ. އެހެންކަމުން މިއަދު މިވަނީ ބޮޑުތަނުން އަގުހެޔޮވެފަ އެވެ.
މާރުކޭޓުގައި މަސް ވިއްކާ މީހުން ބުނީ، ފާއިތުވެ ދިޔަ ހަފުތާތަކުގައި މަސްލިބުމުގައި ދަތިތަކެއް ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް މިހާރު ކޮންމެދުވަހަކުވެސް މަސް ލިބޭ ކަމަށެވެ. ކުރިޔަށް އޮތް ހަފުތާތަކުގައި މަސްވެރިކަން ރަނގަޅުވާނެކަމަށް ލަފާކޮށް ބައެއް މަސް ވިއްކާ ފަރާތްތަކުން ބުނީ، އަންނަ ހަފުތާގައި މަސް ތިޔާގިވެ މާރުކޭޓުން މަސް ވިއްކާ އަގު އިތުރަށް ހެޔޮވެގެންދާނެކަމަށެވެ.
މިއަދު މާރުކޭޓުގައި ކަންނެލިވެސް ފުދޭ ވަރަކަށް ގިނައެވެ. ކަންނެލިމަސް ވިއްކަމުން ދަނީ، ކިލޯއެއް 40-45 ރުފިޔާގެ ރޭޓުންނެވެ. ކަންނެލި މަހުގެ އަގުހުރީ އެއްވަރެއްގައި ހިފެެހެއްޓިފައެވެ. މިދިޔަ ހަފުތާއާ އަޅާ ކިޔާއިރު، ކަންނެލީގެ އަގަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ.
މޫސުން ގޯސްވެ، ރާއްޖޭގެ ހުރިހައި ސަރަހައްދަކަށްވެސް މަސްވެރިކަން ދަށްކަމުން މިމަހުގެ ކުރީކޮޅު ގިނަ އޮޑިތައް މަހަށް ނުފުރައެވެ. އެއީ، އެންލިބުމުގައި ދަތިތަކެއް ހުރުމާއި، މަސް އެދެވޭ މިންވަރަށް ނުބޭނޭތީ، އޮޑިން ކުރާ ޚަރަދު ފޫނުބެއްދޭތީ އެވެ. ކެޔޮޅުން ބުނީ ކުރިޔަށް އޮތް ދެހަފްތާތެރޭގައި މަސްވެރިކަން ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން މިހާރު އާދައިގެ މަތިން ގިނަ އޮޑިތައް މަހަށް ފުރަމުން އަންނަކަމަށެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯއިން، މިދިޔަ ބުރާސްފަތި ދުވަހު މަސް އޮޑިތަކަށް ހިލޭ އައިސް ބެހިއެވެ. އެއީ މަސްވެރިން މަހަށް ނިކުތުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.