މިއަހަރުގެ މާޗްމަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކުރީ ކަޅުބިލަމަސް ކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު އާންމުކުރި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ތަފާސް ހިސާބަުތަކަށް ބަލާއިރު މިދިޔަ މަހު އެންމެގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައިވަނީ ފިނިކުރި ތާޒާ ކަޅުބިލަމަހެވެ. ޖުމްލަ 49 މިލިއަން ރުފިޔާގެ ކަޅުބިލަމަސް މިދިޔަ މަހު އެކްސްޕޯޓްކޮށްފައި ވެއެވެ. އަދި، ކަޅު ބިލަމަހުން ތައްޔާރުކޮށްފައިވާ 40 މިލިއަން ރުފިޔާގެ މަސްދަޅު އެކްސްޕޯޓްކޮށްފައި ވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ އިމްޕޯޓް އެކްސްޕޯޓް ތަފާސް ހިސާބުތަކަށް ބަލާއިރުވެސް އެންމެގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. ޖުމްލަ 82 މިލިއަން ރުފިޔާގެ ރޯގަނޑުކުރި ކަޅުބިލަމަސް މިދިޔަ މަހު އެކްސްޕޯޓްކޮށްފައި ވެއެވެ. އަދި، މަސްދަޅު ހިމެނޭހެން ތައްޔާރުކުރި ކަޅު ބިލަމަހަށް ބަލާއިރު 55 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފައި ވެއެވެ.
މާޗްމަހު އެކްސްޕޯޓްކުރި ކަންނެލީގެ ތަފާސް ހިސާބުތަކަށްބަލާއިރު، 6 މިލިއަން ރުފިޔާގެ ގަނޑުކުރި ރޯ ކަންނެލިއާއި، 4 މިލިއަން ރުފިޔާގެ ފިނިކުރި އަދި ތާޒާ ކަންނެލި މަސްބުރި އެކްސްޕޯޓްކޮށްފައި ވެއެވެ. އަދި 4 މިލިއަން ރުފިޔާގެ ފިނިކުރި ތާޒާ ލޮއިންސް އެކްސްޕޯޓްކޮށްފައި ވެއެވެ. މިދިޔަ ފެބްރުއަރީ މަހު އެކްސްޕޯޓްކޮށްފައިވަނީ، 23 މިލިއަން ރުފިޔާގެ ގަނޑުކުރި ރޯ ކަންނެލި އަދި 5 މިލިއަން ރުފިޔާގެ ގަނޑުކުރި ކަންނެލި މަސްބުރިއެވެ. އެހެންކަމުން ކަންނެލި މަސް އެކްސްޕޯޓް ކުރިން މިންވަރު މިވަނީ މިިދޔަ މަހާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން ދަށްވެފަ އެވެ.
އެންމެ ގިނައިން މަސް އެކްސްޕޯޓްކުރި ޤައުމުތަކާއި އަދަދުތައް:
- ތައިލޭންޑް: 41 މިލިއަން ރުފިޔާގެ މަސް
- އިނގިރޭސިވިލާތް: 27 މިލިއަން ރުފިޔާގެ މަސް
- ޖަރުމަނުވިލާތް: 12 މިލިއަން ރުފިޔާގެ މަސް
- އިންޑިއާ: 7 މިލިއަން ރުފިޔާގެ މަސް
- ފަރަންސޭސިވިލާތް: 6 މިލިއަން ރުފިޔާގެ މަސް
މިއަހަރުގެ މާރޗް މަހު 124 މިލިއަން ރުފިޔާގެ މަސް އަދި 2023 ވަނަ އަހަރުގެ މާރޗް މަހު 343 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފައި ވެއެވެ. އެހެންކަމުން މިއީ %64 ދަށްވުމެކެވެ.