ދ. މާދެލީގައި ދުވާލަކު 50 ޓަނުގެ މަސް ޕްރޮސެސްކުރެވޭވަރުގެ ފެސިލިޓީއެއް ތަރައްގީކުރުމަށް ޗައިނާ ކުންފުންޏަކާއެކު އެއްބަސްވުމަކަށް އައިސްފި އެވެ.
މި ފެސިލިޓީ ގާއިމުކުރަނީ، ދިވެހިރާއްޖޭގައި މަސް ލޭންޑިންގ، ޕްރޮސެސިންގ އެންޑް ސްޓޯރޭޖް ފެސިލިޓީސް ތަރައްޤީކޮށް ފައިނޭންސް ކުރުމަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއެކު މިއަދު ފިޝަރީޒް މިނިސްޓްރީން ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ. މިިނިސްޓަރު އަހްމަދު ޝިޔާމް ސޮއިކުރެއްވި މިއެއްބަސްވުމުގެ ދަށުން، މާދެލީގައި ދެ ފިޔަވައްސަކަށް ބަހާލައިގެން މަޝްރޫއުތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން، ފުރަތަމަ މަރުހަލާގައި މަސްކިރުމާއި ކެރިއާ ބޯޓުތައް ލޭންޑިންގެ ފެސިލިޓީއަކާއެކު ޚާއްސަ ބަނދަރެއް ތަރައްގީކުރުމާއި، އެކޮމޮޑޭޝަން ގާއިމުކުރުމާއި، މަގުތައް ތަރައްގީ ކުރުން ހިމެނެއެވެ. އަދި، މަސްގަނެ ފިނިކުރެވޭނެ ފެސިލިޓީއެއް ގާއިމުކުރުމާއި، 1،500 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުން ހިމެނެއެވެ.
އަދި، ދެވަނަ ފިޔަވަހީގެ މަސައްކަތުގެތެރެއިން ދުވާލަކު 50 ޓަނުގެ މަސް ބަންދު ކުރެވޭ ފެންވަރުގެ ފެކްޓަރީއެއް ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ.
މާދެލީގައި މަސް ފެކްޓަރީއެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަން އިއުލާނުކުރެއްވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ފ. ނިލަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދ. މާދެލި ހަވާލު ކުރިއިރުގައި މަސްވެރިކަމާއި ގުޅުންހުރި މުހިންމު މަޝްރޫއުތަކެއް ހިންގަން ހަވާލުކުރިއިރު، އެ ރަށުގައި ލަގްޒަރީ ރިސޯޓެއް ހަދަން ސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑްއާ މިދިޔަ އަހަރު ވަނީ ހަވާލުކޮށްފަ އެވެ. މާދެލީގައި ރިސޯޓެއް ހަދަން އެކުންފުންޏާއި ހަވާލުކޮށް ސޮއިކުރީ ޖުލައި 5، 2023، ގައެވެ.