ދިވެހި ރާއްޖޭގެ ވައިގެ ބާރުގައި ބޭނުންކުރަން ފެށި އަންމޭންޑް އޭރިއަލް ވެހިކަލް(ޔުއޭވީ) ނުވަތަ އަސްކަރީ ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުތަކުގައި ދަތުރުކުރަމުންދާ މަސްއައިންތައް އުޅޭ ސަރަހައްދު ހޯދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ މާފަރުގައި ވައިގެ ބާރު އިފުތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޔޫއޭވީގެ އެހީގައި މަސް އައިނު ހުންނަ ތަންތަން ވަގުތުން ބަލާލެވޭނެ ކަމަށެވެ.
”މަސްވެރިކަން ކުރާ ފަރާތްތަކަށް މިރޭ މި ލޯންޗް ކުރެވުނު އެޕްލިކޭޝަންސްގެވެސް އެހީއާއެކީ، މި ޔޫ.އޭ.ވީ.ތަކުގެ ޕްރިސިޝަން ހުރި މިންވަރަކީ، މަސްއައިންތައްވެސް ރިއަލް ޓައިމްކޮށް މި ޔޫ.އޭ.ވީ.ތަކުން ބެލޭކަން. މި އެޕްލިކޭޝަންގެ ތެރެއިން ކޮންމެ ދުވަހެއްގެވެސް އެންމެ އަޕްޑޭޓަޑް ލޮކޭޝަންތައް، މި ބިޔަ ބޮޑު ސަރަޙައްދުން މަސް ދަތުރުކުރަމުންދާ، މަސްއައިންތައް އުޅޭ ސަރަޙައްދު ހޯދޭނެ.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރިޔާސީ ކެމްޕޭން ތެރޭގައި ރާއްޖޭގެ ބިޔަ ބޮޑު ކަނޑުގެ ސަރަހައްދު މަސްވެރިކަމަށާއި ކަނޑުގެ އެކިކަހަލަ ރޯދި ހޯދުމުގައި ރަނަގޅުގޮތުގައި ބޭނުންކުރަންޖެހޭކަމަށް ދެންނެވ ކަމަށާއި، އުންމީދަކީ ޔޫއޭވީގެ އެހީއާއެކު ކަނޑު ބެެލެހެއްޓި މަސްވެރިކަންފުޅާވެގެން ދިއުން ކަމަށެވެ.
”މި ބޮޑު ކަނޑަކީ ވަރަށް ރިސޯސް ގިނަ، ވަރަށްގިނަ ބާވަތްތައް ހިމެނޭ، އަޅުގަނޑުމެންނަށް އެކަނޑުގެ އަޑީގެ ބޭނުން، ޤާނޫނީގޮތުން ހިފުމުގެ ޙައްޤު އޮތް ބޮޑު ސަރަޙައްދަކަށްވާއިރުގައި، މި ޔޫ.އޭ.ވީ.ތަކުގެ އެހީގައި ބެލެހެއްޓިގެންދާއިރުގައި، އަޅުގަނޑުމެން މި ބޭނުންވާ ގޮތަށް، މަސްވެރިކަން ކުރާ ބޮޑެތި އުޅަނދުތައް ބަނދެ، މި ބޮޑު ސަރަޙައްދަށް މަސްވެރިކަން ފުޅާވެގެންދިޔުމަކީ، އަޅުގަނޑުމެންގެ އުންމީދު. އަޅުގަނޑުމެންގެ ސިޔާސަތަކީ. އެކަން ވާނީ އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސް ކަނޑައަޅާފައި.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި، މިހާރު މި ގެންގުޅޭ ސައިޒަށްވުރެ، އަދި ފެންވަރަށްވުރެވެސް މަތީ ފެންވަރުގެ މަސްދޯނިތައް ބަނދެ، މި ބިޔަ ބޮޑު ސަރަޙައްދުގައި، މަސްއައިންތައް އުޅޭ ސަރަޙައްދުތައް އެނގެން ފެށީމާ ނުކުމެ މަސްވެރިކަން ކޮށް، އަދި އެކިކަހަލަ އޯޝަން ރިސޯސަސްތަކުގެ ފުރިހަމަ ބޭނުންހިފަން ފެށޭނެކަމަށެވެ. އަދި މިކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ވުޒާރާއެއްވެސް އުފައްދާފައިވާކަން ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލުމަށް ގެނެސްފައިވަނީ ތުރުކީވިލާތުގެ ކުންފުންޏަކން ފަރުމާކޮށްފައިވާ ބައިރަކުތާރު ޓީބީ-2 މަރުކާގެ ތިން ޑްރޯނެވެ. ޒަމާނީ ޓެކްނޯލޮޖީއާއެކު އުފައްދާފައިވާ މި ޑްރޯންގެ ބޭނުންކުރަން ފެށުމުން ރާއްޖޭގެ ކަނޑުގެ ސަރަަހައްދު ސައުވީސް ގަޑީއިރު ހުއްޓުމެއްނެތި ބެލެހެއްޓުމުގެ ގާބިލުކަން މިހާރު ވަނީ ލިބިފަ އެވެ. ކަނޑުގެ ހާދިސާތަކުގައި ގެއްލޭ މީހުންނާއި އޮޑިތައް ހޯދުމަށް މި ޑްރޯން ބޭނުންކުރާނެއެވެ. އަދި ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ޤާނޫނާއި ޚިލާފު ކުށްތަކުގެ އަމަލުތައް ހުއްޓުވުމަށް ވެސް މި ޑްރޯންގެ އެހީ ބޭނުންކުރާނެއެވެ.