ޅ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިންގ ކްރާފްޓުން ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ހޯދައިފިއެވެ.
އެމްއެންޑިއެފްއިން ބުނީ، މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަމުންދަނިކޮށް ބަންޑުންޖަހާލީ ސިވެކްގެ ”އެލްސީ 308“ ލޭންޑިންގ ކްރާފްޓްކަމަށާއި، އެހާދިސާ ހިނގި ވަގުުތު އޭގަައި ހަ މީހުން ތިބިކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީންނެވެ. އަދި، އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.
އަދި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2ޢަލީ ޙާމިދު ހޯދާފައިވާކަމަށް އެމްއެންޑީއެފްއިން އިން ބުނެފައި ވެއެވެ. ވޮރަންޓް އޮފިސަރ 2ޢަލީ ޙާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމުގައި، އެ ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.