ކެޓެނޭޓް މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ އަދި ދުނިޔޭގެ ފެންވަރުގައި މުހިންމު މުރަކަތަކާއި، އެއާ ގުޅުންހުރި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން މިހާރު ކުރިއަށްގެންދާ ކެޓެނޭޓް މަޝްރޫއަކީ ދިވެހިރާއްޖޭގައި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭ، ހަމަހަމަކަމާއެކު އަދި އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރެވޭ ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތަކެއްގެ ވިއުގައެއް ޤާއިމްކޮށް، އެ ސަރަޙައްދުތައް ހިންގައި، ދެމެހެއްޓުމުގެ މަގުސަދުގައި ކުރިޔަށްގެންދާ މަޝްރޫއެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މުރަކަތަކާއި އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓިގެންދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
މޯޓް އިން ބުނީ، ކެޓެނޭޓް މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތައް ޤާއިމްކުރެވި، އެ ސަރަޙައްދުތައް ބެލެހެއްޓުމަށް ޚާއްޞަ އުޞޫލުތަކެއް އެކުލަވާލައި، ރަށު އަދި އަތޮޅު ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގުމަށް ރާވާފައިވާކަމަށެވެ.
ކެޓެނޭޓް މަޝްރޫޢު ކުރިއަށްދާ ގޮތާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް މޯޓްގެ ވެބްސައިޓަށް ޒިޔާރަތްކުކޮށް، މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭ ޙަރަކާތްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މޯޓްގެ ކަމާބެހޭ ސެކްޝަނާ ގުޅުމަށްވެސް މިނިސްޓްރީން އެދިފައިވެއެވެ.
ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަނީ ކެޓެނޭޓް މަޝްރޫޢަށް މަރުޙަބާ ކިޔާފައިވެއެވެ. އެ ފަރާތްތަކުން ފާހަގަކުރާގޮތުގައި ގޮތުގައި މިފަދަ މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުން ކަމެކެވެ.