back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މޯލްޑިވްސް ޓޫނާ ރޭހުގައި މިހާތަނަށް 17 އޮޑިއަކުން ބައިވެރިވެއްޖެ

”މޯލްޑިވްސް ޓޫނާ ރޭސް 2025″ގައި މިހާތަނަށް 17 އޮޑިއަކުން ބައިވެރިވެފައިވާކަމަށް ކެޔޮޅުންގެ ލޮބީއިން ބުނެފިއެވެ.

ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެގޮތުން ރާއްޖޭގައި ދޮށީ މަސްވެރިކަންކުރާ އޮޑިފަހަރުތަކަށް ޚާއްސަކޮށްގެން ބާއްވާ ”މޯލްޑިވްސް ޓޫނާ ރޭސް 2025″ގައި ބައިވެރިވުމުގެ ފުރުސަތު އެ ޖަމްއިއްޔާއިން ހުޅުވާލީ މިމަހުގެ 10ވަނަ ދުވަހުއެވެ. އަންނަމަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ރޭހުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިއަދުގެ ނިޔަަލަށް 17އޮޑިއަކުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ކެޔޮޅުންގެ ލޮބީން ބުންޏެވެ.

ކެޔޮޅުންގެ ލޮބީގެ ރައީސް ޝަފްގާ ޝަފީގް(ކެޔޮޅާގެދިޔެ) ވިދާޅުވީ، މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ އޮޑިފަހަރަށް ބަލާއިރު، އެންމެ ގިނައިން އޮޑިފަހަރު ރަޖިސްޓްރީކޮށްފައިވަނީ ހުވަދު އަތޮޅުންކަމަށެވެ.

”ރޭހަށް ރަޖިސްޓްރީވާން ހުޅުވާލިތާ މިއަދަށް އެއް ހަފުތާ.ހުވަދުއަތޮޅުން ރޭހަށް ވަރަށް ސަޕޯޓް އަބައޮތް. އެންމެ ގިނަ އޮޑި މިހާތަނަށް ރަޖިސްޓްރީކޮށްފައި މިވަނީވެސް ހުވަދު އަތޮޅުން. ދެން ލ އަތޮޅާއި އައްޑޫ ސިޓީގެވެސް ސަޕޯޓް ވަރަށް ބޮޑު. މިހާތަނަށް ރަޖިސްޓްރީކުރި އޮޑިފަހަރުތަކުގެ ތެރޭގައި، ހއ، ށ، ކ، ދ، ލ، ގއ، ގދ، އަތޮޅު އަދި އައްޑޫ ސިޓީ އަށް ނިސްބަތްވާ އޮޑިތައް ހިމެނޭ. އަޅުގަނޑުމެން އަމާޒު މިކުރަނީ، ރާއްޖޭގެ ހުރިހައި އަތޮޅެއް ތަމްސީލުކުރެވޭ ގޮތަށް 50އޮޑި މިރޭހުގައި ބައިވެރިކުރަން.“ ޝަފްގާ ވިދާޅުވިއެވެ.

”މޯލްޑިވްސް ޓޫނާ ރޭސް 2025“ އަކީ، ދޮށީ މަސްވެރި އާއިލާގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމުގެ ރޫހެއް އުފެއްދުމާއި، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމާއި، ދޮށީ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާއަތައް އޮންނަ ލޯބި އިތުރުކުރުމުގެ މަގްސަދުގައި ކެޔޮޅުންގެ ލޮބީން އިންތިޒާމްކުރާ ރޭހެކެވެ.

އަންނަ ޑިސެންބަރު މަހުގެ 5-6އަށް، ބައިވެރިވާ އޮޑިފަހަރަށް މަސްވެރިކަން ކުރުމަށް 24 ގަޑިއިރުގެ ވަގުތެއް ދޭގޮތަށް ކުރިޔަށްގެންދަން ރާވާފައިވާ މިރޭހުގައި ބައިވެރިވުމުގެ ފުރުސަތު ދެނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ދޫކޮށްފައިވާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އަދި ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެގެން ދޮށީ މަސްވެރިކަން ކުރަމުން އަންނަ އޮޑިފަހަރުތަކަށެވެ. މި މަސް ރޭސް ބާއްވަނީ މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) ގައިކަމުން، ރޭހުގައި ވަނަ ކަނޑައަޅާނީ ކޮމާޝަލީ މިހާރުވެސް ދޮށީ މަސްވެރިން މަސްކިރަމުން އަންނަ އުސޫލާ އެއްގޮތްވާގޮތުގެމަތީން މަހުގެ ބަރުދަން ބަލައިގެންކަމަށް ކެޔޮޅުންގެ ލޮބީން ބުނެފައިވެއެވެ.

”މޯލްޑިވްސް ޓޫނާ ރޭސް 2025“ ބާއްވަނީ ބޮޑެތި ފައިސާގެ އިނާމުތަކަކާ އެކުގައެވެ. ރޭހުގެ އެއްވަނައަށް 100،000 ރުފިޔާ، ދެވަނައަށް 50،000 ރުފިޔާ އަދި ތިންވަނައަށް 25،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، އެންމެ އަވަހަށް ރޭސް ނިންމާ އޮޑިއަކަަށް 5،000ރުފިޔާގެ އިނާމެއްވެސް ދޭގޮތައްވަނީ ނިންމާފައެވެ.

މި މަސްރޭހުގައި ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 10ވާ ބުރާސްފަތި ދުވަހުގެ 16:00އެވެ. ރޭހުގައި ބައިވެރިވާން ބޭނުންވާ އޮޑިފަހަރުން، ރޭހަށް ކަނޑައަޅާފައިވާ ފޯމް ފުރުމަށްފަހު ލޮބީގެ އިދާރާއަށް ނުވަތަ މެއިލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ.

މިލިޔުމާއި ގުޅޭ