މިއަހަރު ފާހަގަކުރާ 45ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލްތައް ބާއްވާނެ ރަށެއް ކަނޑައެޅުމުގެގޮތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތު މިމަހުގެ 19ވަނަ ދުވަހަށް ހަމަވާނެއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިޙްތިފާލްތައް ބޭއްވުމަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލީ މިދިޔަ މެއި މަހުގެ 21ވަނަ ދުވަހުއެވެ. އިހްތިފާލްތައް ބާއްވަން ބޭނުންވާ ރަށްރަށުން މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހަޅަންވާނެކަމަށް އޭރު ބުނެފައި ވެއެވެ. ”2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމް“ ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކޮށްލެވޭނެއެވެ. ފޯމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މިނިސްޓްރީގެ ނަންބަރު: 3339274 ފޯނަށް ގުޅާލުމުން،މައުލޫމާތު ހިއްސާކުރާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިޙްތިފާލްތައް ބާއްވާ ރަށް ކަނޑައެޅުމުގައި މަސްވެރި ރަށްތަކަށް އިސްކަންދޭނެކަމަށެވެ. އެގޮތުން މަސްވެރި ރަށެއްކަމުގައި ބެލުމުގައި ރިއާޔަތް ކުރާނީ އެރަށުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނާއި، މަސްވެރި އުޅަނދުފަހަރުގެ އަދަދަށްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލްތައް ބާއްވާ ރަށް ކަނޑައެޅުމުގައި ބަލާނެ އިތުރު ޝަރުޠުތަކުގެ ތެރޭގައި، މިއަހަރު ގައުމީ ފެންވަރުގައި ފާހަގަކުރާ އެހެން ދުވަހެއް އެރަށެއްގައި ފާހަގަކުރާ ރަށަކަށް ނުވުމާއި، އެރަށެއްގައި މީގެކުރިން މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައިވާނަމަ، އެ ހަރަކާތް ބޭއްވިތާ 5 އަހަރުވެފައިވުމާއި، މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެ ރަށުގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު ބެލުން ހިމެނެއެެވެ. އަދި، އުމްރާނީ ގޮތުން ރަށަށް އައިސްފައިވާ ކުރިއެރުމާއި، ރަށަށް އަރާ މެހެމާނުންނަށް މަރުހަބާ ކިޔުމުގެ އިންތިޒާމުތަކާއި، މަސްވެރިންގެ ދުވަހުގެ އިހްތިފާލްތަކުގައި ބައިވެރިވާ މެހެމާނުން ބޭތިއްބުމުގެ އިންތިޒާމްތަކާއި، މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރަށުގެ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާނެކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ކޮންމެ އަހަރަކުވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ. ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައެވެ. މިދިޔަ އަހަރު، 44 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ މާލެ ސިޓީގަ އެވެ.