ކަނޑު ގަދަވާނެކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އުތުރުގެ އަތޮޅުތަކަށް މިއަދު ހަވީރު 03:30 އިން މިރޭ 08:00އާ ހަމަޔަށް ނެރުނު ސަމާލުގައި ބުނެފައިވަނީ އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، މިއަދު ރާއްޖޭގެ ހުރިހައި ސަރަހައްދަކަށްވެސް އާންމުކޮށް ކަނޑު ގަދަވާނެކަމަށެވެ. ރާޅު ނަގާނީ 5-4ފޫޓު އުސްމިނުގައިކަމަށް ވެސް ލަފާކޮށްފައި ވެއެވެ. އަދި ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
ކަނޑުގަދަވާނެކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މެރިން ޕޮލިސްއިން ވެސް ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. މެރިން ޕޮލިހުން ބުނީ މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމާއެކު، ދަތުރުފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާ ހޯދުމަށް އިލްތިމާސްކުރާކަމަށެވެ.