މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) ހިންގުމުގައި އެކުންފުނީގެ ސީއީއޯއަށް ބޭނުންވާ ލަފާއެރުވުމަށް ކޮންސަލްޓެންޓެއްގެ ގޮތުގައި، އާތިފް ޝަކޫރު ހަމަޖައްސައިފި އެވެ.
މިފްކޯގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ މަގާމު ހިމެނޭގޮތުން، އެކުންފުނީގެ އިތުރު އިސް މަގާމުތަކެއް ގިނަ ދުވަސްތަކެއްވަންދެން ފުރުއްވާފައިވާ އާތިފް ސްޓްރެޓީޖިކް ކޮންސަލްޓެންޓްގެ މަގާމަށް ހަމަޖައްސަވާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އާތިފް އެމަގާމަށް ހަމަޖައްސަވާފައިވަނީ ކޮންޓްރެކްޓް އުސޫލުން 1 އަހަރުގެ މުއްދަތަކަށެވެ.
އާތިފްގެ ޒިންމާތަކުގެ ތެރޭގައި މިފްކޯގެ ހިންގުމުގެ ނިޒާމަށް އަދި ޖުމްލަކޮށް އެކުންފުންޏަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް ސީއީއޯއަށާއި، ބޯޑަށް ލަފާ އަރުވައި އިރުޝާދު ދެއްވުން ހިމެނެއެވެ. އަދި ކުންފުނި ތަރައްގީކުރުމަށް ދިގު ރާސްތާ ޕްލޭންތަކެއް އެކުލަވާލައި އެ ތަންފީޒްކުރުމަށް މެނޭޖްމެންޓަށް އެހީތެރިވުން ހިމެނެއެވެ. މީގެ ތެރޭގައި ކުންފުނީގެ އެތެރޭގެ ވަރުގަދަކަމާއި، ބަލިކަށިކަން ވަޒަންކޮށް، ބޭރުފުށުގެ ފުރުޞަތުތަކާއި ނުރައްކާތައް ދެނެގަނެ، އެކަށީގެންވާ އިސްތިރާޖީ ލަނޑުދަނޑިތަކެއް އެކުލަވާލާ ކުންފުނީގެ ސީއީއޯއަށާއި، ބޯޑަށް ހުށަހެޅުން ހިމެނޭކަމަށް މިފްކޯއިން ބުންޏެވެ.
އާތިފް ޝަކޫރަކީ ވިޔަފާރީގެ ދައިރާއިން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ، އަދި އެދާއިރާގައި ގިނަ ދުވަހު އެކި ފެންވަރުގައި ޚިދުމަތް ކުރައްވާފައިވާ އިގުތިސާދީ ތަޖުރިބާކާރެކެވެ. އާތިފް ވަނީ 1989 ވަނަ އަހަރު ފިޖީގެ ޔުނިވަސިޓީ އޮފް ސައުތް ޕެސިފިކްއިން ”އިކޮނޮމިކްސް އެންޑް އިންގްލިޝް ލިޓްރޭޗަރ“ އިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި، 1995 ވަނަ އަަހަރު އޮސްޓްރޭލިޔާގެ މޮނާޝް ޔުނިވަސިޓީން މާސްޓާސް އިން ބިޒްނެސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި ވެއެވެ. އާތިފްވަނީ އިގުތިސާދީ ދާއިރާއަށް އަހުލުވެރިކުރުވުމަށް ނުވަތަ ހޭލުންތެރިކުރުވުމުގެގޮތުން ރާއްޖެއާއި ދުނިޔޭގެ އެކި ނޫސްތަކާއި މަޖައްލާތަކުގައި ލިޔުންތައް ޝާއިއުކުރައްވާފައިވެއެވެ.
މިފްކޯގެ މިހާރުގެ މެނޭޖިންގ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރަކީ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އެވެ. މިއަހަރުގެ މަރޗްމަހުގެ 5ވަނަ ދުވަހު ޕީސީބީން ފަރުހަތު އެމަގާމަށް އައްޔަންކުރެެއްވީ އެކުންފުނީގެ ސީއީއޯކަމުގެ މަގާމުގައި ހުންނެވި ވިތާލީ ލުބިމޯފް މަގާމުން ވަކިކުރުމަށްފަހުގަ އެވެ.