ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް(އެފްއޭއޯ)ގެ އޮފީހެއް ރާއްޖޭގައި ގާއިމްކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން އެފްއޭއޯ ގެ ޑިރެކްޓާ ޖެނެރަލް ޝޫ ޑޮންގްޔޫ ދެއްވައިފި އެވެ.
އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް މިކަމުގެޔަގީންކަން ދެއްވީ މިހާރު ފްރާންސްގެ ނީސްގައި ކުރިޔަށްދާ ޔޫއެންއޯސީގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި އެފްއޭއޯގެ ޚާއްޞަ އޮފީހެއް ގާއިމުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާއިރު، އެފްއޭއޯގެ ޑިރެކްޓަރ ޖެނެރަލް ޝޫ ވަނީ ދިވެހިރާއްޖޭގައި އެފްއޭއޯގެ އޮފީހެއް ހުޅުވައި، ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއަރުވައި ތަރައްގީ ކުރުމަށް އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
މީގެއިތުރުން، މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެކުގައި، ގުޅިގެން މަސައްކަތް ކުރެވެންހުރި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ކަނޑުގެ ފުރިހަމަ ގާނޫނެއް އެކުލަވާލުމަށް އެހީތެރިވުމާއި، މެރިކަލްޗަރަށް އިންވެސްޓްކުރުން ފުޅާކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝިޔާމް ވަނީ އެފްއޭއޯ އިން ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެފްއޭއޯގެ އެހީތެރިކަމާއެކު ރާއްޖޭގައި ފެށި އެންކަރޑް އެފްއޭޑީސް މަޝްރޫއު ހިންގުމަށް އެފްއޭއޯއިން ވެދިން އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރ ޝިޔާމް ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.