ރޯދަމަސް ފެށުނީއްސުރެ މާލޭ މަސްމާރުކޭޓުގައި މަހުގެ އަގު ހުރީ ގާތްގަޑަކަށް އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
މާލޭ މަސްމާރުކޭޓުގައި މިއަދުވެސް މަސް ވަރަށް ތިޔާގިކަން ފާހަގަކުރެވެއެވެ. ކަނޑުމަހުގެ އަގުތައް މިއަދު ބަލާލިއިރު މަސްކިލޯއެއް ވިއްކަން ހުރީ 40-45 ރުފިޔާ ދޭތެރޭ އަގެއްގަ އެވެ. ކަންނެލި ކިލޯއެއް މިއަދު ވިއްކަމުން ދަނީ 65 އާއި 70 ރުފިޔާއި ދޭތޭރޭ އަގުތަކެއްގަ އެވެ.
އާންމުކޮށް ރޯދަމަހު ދިވެހިންގެ ތެރޭގައި މަގްބޫލު މަސްތަކުގެތެރޭގައި ހިމެނޭ ރެހި އަދި ރިންމަހާއި މުށިމަސް މިއަދު ވަރަށް ތިޔާގިއެވެ. އަގުތައް ހެޔޮކަން ފާހަގަކުރެެވެއެވެ. އެގޮތުން، ރެހި ޖޯޑެއް 25 ރުފިޔާއަށް ލިބެންހުރިއިރު، ރިންމަސް 25 ރުފިޔާއަށް ތިންމަސް އަދި މުށިމަސް 20 ރުފިޔާއަށް ތިން މަހުގެ ރޭޓުން މިއަދު ވިއްކަމުން ދިޔަ އެވެ. އަދި ކަރަވެލިމަސް ވިއްކަމުން ދިޔައީ 25 ރުފިޔާއަށް މަހެއް އަދި 40 ރުފިޔާއަށް ދެމަހުގެ ރޭޓުންނެވެ.
ބާޒާރުގައި ފަރުމަސްވެސް މިއަދު ވަރަށް ތިޔާގިއެވެ. ގިނަ ބަޔަކު ފަރުމަސް ގަންނަމުން ދިޔަތަން ފެނުނެވެ. ދިވެހިން އެންމެ ގިނައިން ގަންނަ ރަތްމަސް މިއަދު ވިއްކީ100 ރުފިޔާ އަށެވެ.
މިއަދު ފަރުމަސް ވިއްކި އަގުތައް:
- ރަތްމަސް:100 ރުފިޔާއަށް މަހެއް
- ފާނަ:100 ރުފިޔާއަށް މަހެއް
- ކުުރުމަސް:80 ރުފިޔާއަށް ކިލޯއެއް
- ގިނި މަސް:50 ރުފިޔާއަށް ދެމަސް
- މާނިޔާ މަސް:100 ރުފިޔާއަށް ތިން މަސް
- ބަނޑު ފޮޅިމަސް:60 ރުފިޔާއަށް މަހެއް
މާރުކޭޓުގައި މަސްވިއްކާ ބައެއް ފަރާތްތަކުން ފަރުމަސް ވިއްކަމުން ދިޔައީ މަސްކަނޑައި ޅިޔައަޅާ، ވަގުތުން ފިހެލާގޮތަށް ތައްޔާރުކޮށްފަ އެވެ.