ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހީމް ފުރާވަޑައިގެންފި އެވެ.
ޖޫން 9 އިން 13 އަށް ފްރާންސްގެ ނީސްގައި ކުރިޔަށްދާ މި ބައްދަލުވުމަކީ، ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމާއި، މިކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަގުސަދުގައި ކުރިޔަށްގެންދާ ބައްދަލުވުމެކެވެ. އ.ދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި ޙާޞިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަށް މި ޖަލްސާގައި އަލިއަޅުވާލެވޭނެއެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުން، ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާއި، ކަނޑުތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.
މި ކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވަޑައިގަންނަވަނީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. މިނިސްޓަރު ޝިޔާމް ވަނީ ފްރާންސަށް ވަޑައިގެންފައެވެ. ކޮންފަރެންސް އިފްތިތާހީ ސެޝަނުގައި އެމަނިކުފާނު ވާހަކަފުޅު ދެއްކުމަށް ހަމަޖެހިފައި ވެއެވެ. މި ކޮންފަރެންސްގެ އެކި ސެޝަންތަކުގައި ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ އެންމެ މުހިންމު އެއް ނުކުތާއަކީ، ކަނޑުގެ ނާޒުކު ވެށި ރައްކާތެރިކުރުމާއެކު ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާ ގައުމުތަކުގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަތުމުގެ މުހިއްމުކަމާ ގުޅޭގޮތުންނެވެ. އަދި ވަކިން ޚާއްސަކޮށް ތިމާވެއްޓާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީގޮތުން ކަނޑައެޅޭ ފަންޑު އިތުރުކުރުމުގެ މުހިންމުކަމަށާއި، އަދި މިފަދަ ފަންޑުތައް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމުގައި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކާއި، ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް މިހާރުވެސް އަޅައި ތަންފީޒުކުރަމުންދާ ގައުމުތަކަށް ޚާއްސަ އިމްތިޔާޒްތަކެއް އޮންނަ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަކާލާތު ކުރައްވާނެއެވެ.
ހަމައެހެންމެ، ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ މުޅި ދުނިޔޭގައިވެސް ކުރެވޭ ތިމާވެއްޓާ އެންމެ ރައްޓެހި މަސްވެރިކަމަށް ވީއިރުވެސް، މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން ޓެރިފްގެ އެންމެ ބޮޑު ބުރައެއް އުފުލަންޖެހޭ އެއް ގައުމަކީ ދިވެހިރާއްޖެކަން ފާހަގަކޮށް، އެކަމުގެ ސަބަބުން މަހުގެ ވިޔަފާރީގައި އެއްހަމައެއްގައި ވާދަކުރުމަށް ރާއްޖެއަށް ހުރި ގޮންޖެހުންތައް ބަޔާންކޮށްދެއްވާނެއެވެ. އަދި މަހުގެ ބާވަތްތަކުގެ ޓެރިފް ކަނޑައެޅުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބާރުލިބޭ ގޮތަށް ޓެރިފް ކަނޑައެޅިގެން ދިއުމުގެ މުހިންމުކަން ބައިނަލްއަގުވާމީ ފެންވަރުގައި، ސަމާލުކަމަށް ގެނައުމަށް ވަކާލާތު ކުރައްވާނެއެވެ.
ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެއިން އިސްނަގައިގެން ޚާއްޞަ ސެޝަނެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މިސެޝަންގައި، ރާއްޖެ ފަދަ ޤައުމުތަކުގައި ކުރާ ކުދި ފަންތީގެ މަސްވެރިކަމަކީވެސް ރާވައި، ހިންގައި، ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނިވިގޮތެއްގައި ތަރައްގީކުރެވޭ މަސްވެރިކަމެއްކަން ޔަގީންކުރުމަށްޓަކައި ގައުމީ ފެންވަރުގައާއި، ބައިނަލްއަގުވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންގެ ހުށަހެޅުންތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލުބަދަލުކުރެވިގެން ދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.