ރާއްޖޭގެ އެކިކަންކޮޅުގައި މިހާރު ތަރައގީކުރަމުން އަންނަ ކޭނަރީތައް ނިމުމާއެކު، ރާއްޖެއިން ބޭރަށް ޕްރޮސެސްކޮށްގެން ބޭޭރުކުރެވޭ މަހުގެ މިންވަރު %90 އިތުރެވެގެންދާނެކަމަށް ބެލެވޭކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިގެން ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
މިނިސްޓަރުގެ ބަސްދީގަތުމުގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ސިންދަފާތުކޮށް ކަނޑުގެ ރޯދިން ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރެއްވިއެވެ. އަދި، މަސްވެރިކަމުގެ ސިނާއަތައް ކުރިމަތިވެފައިވާ ކަންބޮޑުވުންތައް ފާހަގަކުރައްވައި، އެގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލުތައް ބަޔާންކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާއަތައް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، މަސްވެރިކަމުގެ ސިނާއަތު މިހާރު އަޮތް ހާލަތުން މަހަށް ރަނގަޅު އަގު ނުލިބުމުގެ މައްސަލައެވެ. އެގޮތުން، މަސް ރައްކާކުރެވޭނެ ޖާގަ އެކަށީގެންވާވަރަށް ނެތުމާއި، މަސް ޕްރޮސެސްކުރެވޭނެ ވަސީލަތްތައް އެކަށީގެންވާވަރަށް ނެތުމުގެ ނަތީޖާއެއްގެގޮތުން، ރާއްޖޭގައި ބާނާ މަސް ޕްރޮސެސް ނުކުރެވި ރޯމަހުގެ ގޮތުގައި ބޭރުކުރަން ޖެހުމަކީ މަހަށް ހަމަ އަގު ނުލިބުމުގެ މައިގަނޑު ގޮންޖެހުމުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ރާއްޖޭގެ ޕްރޮސެސިންގ ކެޕޭސިޓީ އިތުރުކޮށް ކޯލްޑް ސްޓޯރޭޖް އިތުުރުކުރުން ކަމަށާއި، އެ މަގުސަދު ހާސިލުކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސް ފެކްޓަރީ ގާއިމުކުރުމުގެ މަސައްކަތް ކުރުމުގެ އިތުރުން ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިޔަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ފެލިވަރުގަ 40 އަށްވުރެ ގިނަ އަހަރުވެފަ ހުރި ކޭނަރީއެއް އަދިވެސް މިހުރީ. އެކޭނަރީ އަޅުގަނޑުމެން މިއުޅެނީ 100 ޓަނަށް ބަދަލުކުރަން. މިވަގުތު 50 ޓަނުގަ ހުރީ.ނަމަވެސް 35 ޓަނު ޕްރޮސެސް މިކުރެވެނީ. އެހެންވީމަ 100 ޓަނުގެ ކޭނަރީއެއް ފެލަިވަރުގައި ޖެހުން. އޭގެ އިތުރަށް، ދެކުނުގަ ދެ ކޭނަރީ… ފ އަތޮޅު ނިލަންދޫގައި ކޭނަރީއެއް، ހަމައެއާއެކު ގދ .ފޔޯރީގައި ކޭނަރީއެއް.އަޅުގަނޑުމެންނަށް މި ކޭނަރީތަކުގެ މަސައްކަތްތައް ނިމުނީމަ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގައި ޕްރޮސެސްކޮށްގެން މަސް ބޭރުކުރެވޭ މިންވަރު އެތައް ގުނައަކުން އިތުރުވެގެންދާނެ. ގާތްގަނޑަކަށް މިބަލަނީ %90 އަށް ވުރެ ބޮޑު އަދަދަކުން އޭރުން ޕްރޮސެސްކުރެވޭނެކަމަށް.“ ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތަކީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށާއި، މި މަސައްކަތް ނިމުމުން އަގު އެއްކުރެވިގެން މަސް ބޭރުކުރެވުމުން، ބޭރުގެ ބާޒާރުތަކު މިހާރަށްވުރެ ރަނގަޅު އަގު މަހަށް ލިބިގެންދާނެކަމަށެވެ.
ކަޅުބިލަ މަސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ކޯލްޑް ސްޓޯރޭޖް ޖާގަ ނެތުމުގެ މައްސަލައެވެ. މިނިސްޓަރު ވިދާޅުވީ، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރެވިގެން މަސް ހިފަހައްޓާލޭވޭކަމަށްވާނަމަ ރަނގަޅު އަގު ލިބޭނެކަމަށާއި، އެ އަމާޒަށް ވާސިލުވުމުގެ ގޮތުން، ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްދާކަމަށެވެ. މިހާރު ރާއްޖޭގައި ކޯލްޑް ސްޓޯރޭޖް ހުރީ 9500މެޓްރިކްޓަނުގެ މަސް ރައްކާކުރެވޭ ވަރަށްކަން ފާހަގަކުރައްވައި، މިހާރު ކުރިޔަށްދާ މަޝްރޫއުތަކާއެކީގައި ކޯލްޑް ސްޓޯރޭޖްގެ ޖާގަ 25،000މެޓްރިކްޓަނަށް އިތުރު ކުރެވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”ތިނަދޫގައި ކުރިޔަށްދާ ފެސިލިޓީ، ނިމުމުގެ މަސައްކަތް ބާރަށް ކުރިޔަށް ގެންދެވޭނެ. އަދި ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް މަސައްކަތްވެސް މިދަނީ ކޮންޓްރެކްޓަރާ ގުޅިގެންވެސް އޭގެ ސްޕީޑް އަވަސްކުރުމުގެ މަސައްކަތް މިކުރަނީ. އުންމީދު ކުރަނީ މިއަހަރު ނިމުމުގެ ކުރިން ފެލިވަރުގެ ކޯލްޑް ސްޓޯރޭޖްވެސް އޮޕަރޭޝަނަށް ގެނެވޭނެ. އަދި ހަމަ އެއާއެކު ތިނަދޫ ކޯލްޑް ސްޓޯރޭޖްވެސް އޮޕަރޭޝަނަށް ގެންނަން ބޭނުން. އަދި އެމަގުން އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ.“ މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސައުދީ ފަންޑް ފޮރ ޑެވެލޮޕްމެންޓް(އެސްޑީއެފް)ގެ އެހީގައި މ. މުލަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް މިހާރު އެވޯޑްކުރެވިފައިވާކަމަށާއި، އެ މަޝްރޫއުވެސް ފެށިގެން މާ ގިނަ ދުވަސްތަކެއް ނުވެ، ނިމި ބޭނުންކުރެވިގެންދާނެކަމަށެވެ. އަދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ)ގެ ކޯލްޑް ސްޓޯރޭޖް ޖާގަ އިތުރުކުރަން އިންޑިއާ ކުންފުންޏަކަށް އެވޯޑް ކުރެވިފައިވާކަމަށާއި، ހއ އިވަންދޫގަވެސް ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ. މި މަޝްރޫއުތަކުގެ މަސައްކަތް ނިންމާލެވުމުން ރާއްޖޭގެ ކޯލްޑް ސްޓޯރޭޖަށް މިހާރު އޮތް ދަތިކަން ނިމުމަކަށް ގެނެވި، މަސްވެރިން ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެ، މަހަށް ބޮޑު އަގު ހޯދުމަށް ފުރުސަތު ފަހިވެ، ކަޅުބިލަ މަސްވެރިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭރުގެ ފައިސާ ވައްދާ އެންމެ ބޮޑު އެއް ސިނާއަތަކީ މަސްވެރިކަންކަމަށްވީނަމަވެސް މިހާރު ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީއަކީ 90 މިލިއަން ޑޮލަރުކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިޔަށްދާ މަޝްރޫއުތައް ނިމުމުން މަސް ޕްރޮސެސްކުރެވޭ މިންވަރު ބޮޑުތަނުން އިތުރުކުރެވި މަސްވެރިކަމުން ލިބޭ އާމްދަނީ ތިންގުނައަށް އިތުރުކުރެވޭނެކަމަށެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްވެރިކަމުގެ ސިނާއަތައް ވެފައިވާ ވައުދުފުޅުތައް ހާސިލުކުރެވޭނީވެސް މަސްވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ އިތުރުކުރެވި، މަސްވެރި އާއިލާތަކައް ލިބޭ ނަފާ އިތުރުކުރެވި، ޕްރައިވެޓް ކުންފުނިތަކަށްވެސް ވިޔަފާރި އިތުރުކުރެވޭނެ މާހައުލެއް ގާއިމުކުރެވި، ދޯނި ފަހަރުގައި މަސް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހި، މިދާއިރާއިން މީހުން ތަމްރީންކުރެވިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރެވިފައިހުރީ އެކަންކަން ހާސިލުކުރުމަށްކަމަށާއި، މިހާރު މަސައްކަތްތައް ކުރިޔަށްދާގޮތުންނަމަ، މަސްވެރިކަމުގެ ސިނާއަތު ކުރިޔަށް ފެންނަނީ ވަރަށް އުޖާލާކޮށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.