ހުޅުމާލޭގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ޕްރޮސެސިންގ ފެސިލިޓީ ނިމިގެންދިއުމާއެކު، ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ހައްލުވެގެންދާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ގާއިމުކުރާ 35ޓަނުގެ ކަންނެލި ޕްރޮސެސްކުރެވޭ ފެސިލިޓީއަކީ، ކ. ކަނޑުއޮތްގިރި ފިޝް ވިލެޖް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް)ގެ ބޭނުމަށް ދޫކޮށްލުމަށްފަހު، އޭގެ ބަދަލުގައި ގާއިމުކުރާތަނެވެ. ސަރުކާރުން ބުނާގޮތުގައި ފެކްޓަރީގެ މަސައްކަތް އަންނައަހަރަށް ނިންމާލެވޭނެއެވެ.
ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކަންނެލި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައްދުތައް ފުއްދުމަށާއި، އަދި ކަންނެލި މަސްވެރިންނަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް ހައްލުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން، ކަނޑުއޮތް ގިރީގެ ބަދަލުގައި ހުޅުމާލޭގައި ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް އެމީހުން ބޭނުންވާކަހަލަ، ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.މިނިސްޓަރު ވިދާޅުވީ، މަސް ފެކްޓަރީ އަޅަން ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށާއި، ވަރަށް އަވަހަށް އެމަޝްރޫއު ބިޑަށް ހުޅުވާލެވޭނެކަމަށެވެ.
”އެކަމަށް(ފެސިލިޓީ އެޅުމަށް) ވާންޖެހޭ ތައްޔާރީތައް މިދަނީ ވަމުން.އެކަމަށް ބޭނުންވާ ފައިސާސ ސެކުއަރ ކުރެވިއްޖެ. މިވަގުތު ބިން އެލޮކޭޓް ކުރުމުގެ މަސައްކަތްވެސް ކުރިޔަށް އެބަދޭ.އެހެންވީމަ ވަރަށް އަވަހަށްއެ ފެސިލިޓީ އެތަނުގަ ގާއިމުކުރުމަށްޓަކައި، ހުޅުވާލެވިގެންދާނެ. މިފްކޯއިން ހުޅުވާލެވިގެންދާނެ. އިރާދަކުރެއްވިއްޔާ.ކުދި ކަންނެލި ބަންދުކުރާ ފަރާތްތަކަށްއަސްލުގަ ލިބޭނެ ވަރަށް މުހިންމު މާހައުލެއް.އޭރުން އަޅުގަނޑަށް ހީވަނީކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުގެ މިހާރުގެ އެންމެ ބޮޑު ގޮންޖެހުން ނޫނީ އެބޭފުޅުން އެންމެ ހާސިލުކުރަން ބޭނުންވާ ކަންތައް ހާސިލުކުރެވިގެންްދާނެ.“ މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް، އެ ފަރާތްތައް ތަމްސީލު ކުރާ ”ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން-ބީކޭއެމްޔޫ“ އާއި ބޮޑު ކަންނެލި ގަންނަ ކުންފުނިތަކާއެކު، ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށެވެ. ބޮޑު ކަންނެލި ގަންނަ ކުންފުނިތަކުގެ އެންމެ ބޮޑު ޝަކުވާއަކީ އެތަންތަނަށް ބޭނުންވާ ސައިޒުގެ ބޮޑެތި ކަންނެލި އަދި ބޭނުންވާ ކޮލިޓީގެ ކަންނެލި ނުލިބުމުގެ ޝަކުވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޖަޕާނު ސަރުކާރުގެ އެހީގައި ޖައިކާއާއެކު ކުރިޔަށްގެންދާ ”ނޫ އިގުތިސާދު މަޝްރޫއު“ ގެ ތެރެއިން ލޭންޑްކުރާ ކަންނެލި ކޮލިޓީ ހިފެހެއްޓުމަށާއި، އަދި ކަންނެލި އޮޑިއަށް ނަގަން ހޭދަކުރާ ވަގުތު ކުޑަކުރެވޭނެ އުކުޅުތަކެއް ދެނެގަނެވިފައިވާކަމަށެވެ. މީގެ ސަބަބުން ކަންނެލި މަސްވެރިންނަށް ރަނގަޅު އަގު ލިބުމަށް މަގުފަހިވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.