ލ. ގަން ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ މަހަކަންފުށި ކައިރިއަށް މަސްހި ފަން ފޭބި މީހަކު މަރުވެފަ އޮއްވާ ފެނިއްޖެއެވެ.
މަރުވެފައި އޮތްވާ ފެނިފައިވަނީ، ލ. ގަން ތުނޑީ، ފެސްފަރީ، އުމުރުން 65 އަހަރުގެ އަބްދުލް ސަމަދު މުހައްމަދު އެވެ.
އޭނާ ގެއްލިގެން އެ މައްސަލަ މިއަދު ހެނދުނު 09:50 ހާއިރު ރިޕޯޓްކުރުމާއި ގުޅިގެން، އޭނާ ގެއްލުނު ސަރަހައްދު ހޯދަމުން ދަނިކޮށް މިއަދު 11:30 ހާއިރު އޭނާ ފެނިފައިވާކމަށް ފުލުހުން ބުނެފައި ވެއެވެ. ފެނުނުއިރު އޮތީ މަރުވެފައިކަމަށް ގަމު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.
މަރްހޫމް ސަމަދު ލ. ބަރެސްދޫއަށް ދިޔައީ ގްރޫޕަކާއެކު މަަސް ހިފަންށެވެ. ބަރެސްދޫ އާއި މަހަކަންފުއްޓާ ދެމެދުގަ މަސް ހިފަން ދާ ޖެހުމަށް ފަހު އެމީހުން އެއްގަމަށް އެރިއެވެ. އެމީހުންނާއެކު ސަމަދު އެއްގަމަށް އެރިއެވެ. އެހެންނަމަވެސް އޭގެ ފަހުން އޭނާ ނުފެނިގެން އޭނާއާ އެއްކޮށް ދިޔަ މީހުން ގަމަށް ގޮސް ރިޕޯޓްކުރިއެެވެ. ރިޕޯޓްކުރަން އެނބުރި ދާން ޖެހުނީ އެމީހުން އަތުގައި ފޯނެއް ނެތުމުން ކަމަށް މި ނޫހަށް ޚަބަރު ދިން ސަމަދުގެ އާއިލާއަށް ނިސްބަތްވާ މީހަކު ބުންޏެެވެ.