ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައްޔާއި ގްލޭޝިއަރތައް ނެތިދިއުމުގެ މައްސަލައިގައި، ބައިނަލްއަޤުވާމީ ފެންވަރުގައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް ގޮވާލެއްވީ މިމަހުގެ 29-31 ގެ ނިޔަލަށް ތަޖިކިސްތާނުގައި ކުރިޔަށްދާ ”ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން“ ގެ އިފްތިތާހީ ޖަލްސާގައި އެމަނިކުފާނު ދެއްވި ބަޔާނުގައެވެ.
ކޮންފަރެންސްގެ އިފްތިތާޙީ ޖަލްސާގައި އެމަނިކުފާނު އިއްވެވި ބަޔާނުގައި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައްޔާއި ގްލޭޝިއަރތައް ނެތިދިއުމުގެ މައްސަލައިގައި، ބައިނަލްއަޤުވާމީ ފެންވަރުގައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލެއްވިއެވެ. އަދި، ގްލޭޝިއަރތައް ނެތިގެންދާ ހަލުވިދުވެއްޔާއި އެކަމުގެ ސަބަބުން ނިކުންނާނޭ ނަތީޖާ ތަކަކީ ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ވިލުންތެރިކަމާއި، ލޯ-ކާބަން ތަރައްޤީއަށް މަގުދައްކައިދޭ ގޮތަށް ދިވެހިރާއްޖެއިން ހުށަހެޅި ތިންވަނަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) މި އަހަރު ހުށަހަޅާފައިވާކަން އެ މަނިކުފާނުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު، 2035 ވަނަ އަހަރު އަންނަން ވާއިރަށް، ކާބަން ބޭރުކުރާ މިންވަރު 1.52 މިލިޔަން ޓަނަށް މަދުކޮށް، 2028 ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ވަޞީލަތްތަކުން އުފައްދާ ހަކަތަ ކަމުގައި ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ޢަޒުމު އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ބަޔާނުގައި، ކޮޕް-30 ގެ ކުރިން ހުރިހާ ޤައުމަކުންވެސް އެން.ޑީ.ސީ ހުށަހެޅުއްވުމަށާއި، މި މަސައްކަތުގައި ޢަޒުމު ވަރުގަދަކުރައްވައި، ކަމުގެ ހައްސާސްކަން ދަނެގެން، ދެފުށްފެންނަ ގޮތަކަށް މަސައްކަތް ކުރެއްވުމަށް ޤައުމުތަކަށް ގޮވާލެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި އެދެވޭ ޙައްލުތަކެއް ހޯދަން އެދޭނަމަ، ބައިނަލްއަޤުވާމީ ޢަހުދުތަކަކީ ހަމައެކަނި ރަމްޒީ ކަންތައްތަކަކަށް ވުމުގެ ބަދަލުގައި އެއީ ބަދަލުގެނުވަނިވި އިލްތިޒާމުތަކަކަށް ވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން މޫސުމީ ބަދަލުތަކަށް ޚާއްޞަ ފަންނިއްޔާތާއި ޤާބިލުކަން އިތުރުކުރުމާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ ފަދަ އެހީތެރިކަމަށް ސީދާ އަމާޒުކޮށްގެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ އެހީތެރިކަން މުހިންމުކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ ބަޔާން ނިންމަވާލައްވާފައިވަނީ، ގަނޑުފެން ވިރިގެން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވައި، ގްލޭޝިއަރ ނެތިދިއުމުގެ ނުރައްކަލާ ކުރިމަތިލުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު ގާތުން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ކޮންފަރެންސްގައި ބައިވެރިވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިހާރު ވަނީީ ނިންމަވާލައްވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޖިކިސްތާނުގެ ބޮޑުވަޒީރު، ޤަހީރު ރަސޫލްޒޮދާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ދަތުރުފުޅަކީ، ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އިތުރަށް ހާމަކޮށްދިނުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ ޤައުމުތަކާއެކު ދިވެހިރާއްޖޭގެ ގުޅުން ހަރުދަނާކުރުމަށް ލިބުނު އަގުހުރި ފުރުޞަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވެއެވެ.