back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިންގެ ދުވަސް ފާހަގަކުރާ ރަށް ކަނޑައެޅުމުގައި މަސްވެރި ރަށްރަށަށް އިސްކަންދޭނަން: މިނިސްޓްރީ

45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލްތައް ބާއްވާނެ ރަށެއް ކަނޑައެޅުމުގައި، މަސްވެރި ރަށްރަށަށް އިސްކަންދޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިޙްތިފާލްތައް ބޭއްވުމަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކަށް ހުޅުވާލާފައިވާކަން އާންމުކޮށް އެންގުމުގެ ގޮތުން އަތޮޅު ކައުންސިލްތަކަށް ފިޝަރީޒް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނެފައިވަނީ، ރަށް ކަނޑައެޅުމުގައި މަސްވެރި ރަށްތަކަށް އިސްކަންދޭނެކަމަށެވެ. އެގޮތުން މަސްވެރި ރަށެއްކަމުގައި ބެލުމުގައި ރިއާޔަތް ކުރާނީ އެރަށުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނާއި، މަސްވެރި އުޅަނދުފަހަރުގެ އަދަދަށްކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލްތައް ބާއްވާ ރަށް ކަނޑައެޅުމުގައި ބަލާނެ އިތުރު 5 ނުކުތާއެއް ސާކިއުލާގައި ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި، މިއަހަރު ގައުމީ ފެންވަރުގައި ފާހަގަކުރާ އެހެން ދުވަހެއް އެރަށެއްގައި ފާހަގަކުރާ ރަށަކަށް ނުވުމާއި، އެރަށެއްގައި މީގެކުރިން މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައިވާނަމަ، އެ ހަރަކާތް ބޭއްވިތާ 5 އަހަރުވެފައިވުމާއި، މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެ ރަށުގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު ބެލުން ހިމެނެއެެވެ. އިތުރަށް ބަލާނެ ކަންތައްތަކުގެ ތެރޭގައި އުމްރާނީ ގޮތުން ރަށަށް އައިސްފައިވާ ކުރިއެރުމާއި، ރަށަށް އަރާ މެހެމާނުންނަށް މަރުހަބާ ކިޔުމުގެ އިންތިޒާމުތަކާއި، މަސްވެރިންގެ ދުވަހުގެ އިހްތިފާލްތަކުގައި ބައިވެރިވާ މެހެމާނުން ބޭތިއްބުމުގެ އިންތިޒާމްތަކާއި، މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރަށުގެ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާނެކަމަށް ބުނެފައި ވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ޝަރުތުހަމަވާ ރަށްރަށުން މިކަމަށް އެދި އަންނަ ޖޫންމަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީއަށް ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހަޅަންވާނެކަމަށެވެ. އަދި، ”2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް  ބޭއްވުމަށް އެދި ހުށަހަޅާ ފޯމް“ އާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މިނިސްޓްރީގެ ނަންބަރު: 3339274 ފޯނަށް ގުޅާލުމަށް މިނިސްޓްރީން އެދިފައި ވެއެވެ.

”2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް  ބޭއްވުމަށް އެދި ހުށަހަޅާ ފޯމް“ ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކޮށްލެވޭނެއެވެ.

ކޮންމެ އަހަރަކުވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ. ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ  ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައެވެ. މިދިޔަ އަހަރު، 44 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ މާލެ ސިޓީގަ އެވެ.

މިލިޔުމާއި ގުޅޭ