އަންނަ އަޟުހާ އީދު ދުވަސް ފާހަގަ ކުރުމުގެގޮތުން ގއ.ވިލިނގިލީގައި މަސް ރޭހެއް ބާއްވަން ނިންމައިފި އެވެ.
”ރައްޔިތުންގެ މަސްރޭސް 2025“ ގެ ނަމުގައި ބާއްވާ މިރޭހަކީ، ޒުވާނުން މަސްވެރިކަމުގެ ސިނާއަތަށް އަހުލުވެރިކުރުވުމަށާއި، ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމާއިއެކު މުޖުތަމަޢުގެ އިޖުތިމާއީ ރޫހު ދިރުވާ އާލާކުރުމުގެ މަގުސަދުގައި ބާއްވާ ރޭއްހެއްކަމަށް ވިލިނގިލީ ކައުންސިލުން ބުނެފައި ވެއެވެ. މި ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 09 ވަނަ ދުވަހުއެވެ. ކައުންސިލުން ބުނީ، މޫސުން ތަން ނުދޭނަމަ މުބާރާތް ބާއްވާ ތާރީޚު ބަދަލުވެދާނެކަމަށެވެ.
މަސް ރޭހުގައި ވަނަވަނައަށް ދާ ޓީމްތަކަށް ފައިސާގެ އިނާމުތަކެއް ހުށަހަޅާފައި ވެއެވެ. ވަނަ ހޮވާނީ ބާނާ މަސްތަކުގެ ބަރުދަނަށް ބަލައިގެން އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމުތަކަށް ބަަލައިގެން އެތަރުތީބުންކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އަދި، އެންމެ ގިނަމަސް ބާނާ ޓީމް ހޮވާނީ ޓީމްތަކުން ބާނާފައިވާ މަސްތަކުގެ ޖުމްލަ އަދަދު ބަލައިގެންކަމަށާއި، އެންމެ ބޮޑުމަސް ބާނާ މިހާ ހޮވާނީ މަސްތައް ކިރުމަށްފަހު ބަރުދަނަށް ބަލައިގެންކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މޮޅުވާ ޓީމްތަކަށް ކަނޑައެޅިފައިވާ އިނާމް:
* 1 ވަނަ ޓީމް: 10,000.00ރ
* 2 ވަނަ ޓީމް: 5,000.00ރ
* 3 ވަނަ ޓީމް: 3,000.00ރ
މީގެ އިތުރުން، އެންމެ ގިނަމަސް ބާނާ ޓީމަށް 500.00ރ އަދި އެންމެ ބޮޑުމަސް ބާނާ މީހާއަށްވެސް 500.00ރ ދިނުމަށް ނިންމާފައި ވެއެވެ.
ވިލިނގިލި ކައުންސިލުން މިހާރުވަނީ، މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ކައުންސިލުން ބުނީ، މަސް ރޭހުގައި ބައިވެރިވާން ބޭނުންނަމަ ޖޫން 07 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ”ރައްޔިތުންގެ މަސްރޭސް 2025 ގައި ބައިވެރިވުމަށް އެދޭ ފޯމް“ ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހަޅައިދިނުމަށް އެދޭކަމަށެވެ.
ކައުންސިލުން ބުނީ، މަސް ރޭހުގައި ދެޖިންސުގެ 18 އަހަރުން މަތީގެ އުމުރުފުރައިގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެކަމަށާއި، ރޭހުގައި ބައިވެރި ވެވޭނީ ޓީމެއްގެ ގޮތުގައި ކަމަށެވެ. ކޮންމެ ޓީމެއްގައި މަދުވެގެން 03 މެމްބަރުން އަދި ގިނަވެގެން 07 މެމްބަރުން ހިމެނިދާނެކަމަށާއި، ރޭހުގައި ބައިވެރިވާ ޓީމް ތަމްސީލުކުރަނީ މުއައްސަސާއަކުންނަމަ، ޓީމުގައި މަދުވެގެން އެމުއައްސަސާއަކަށް ނިސްބަތްވާ 3 މެންބަރުން ޓީމުގައި ހިމަނަން ވާނެކަމަށެވެ. އަދި ޓީމު އެކުލަވާލުމުގައި އާންމުންގެ ތެރެއިން މީހުން ހިމަނައިގެން ޓީމު ހަމަކުރެވިދާނެކަމަށްވެސް ކައުންސިލުން ބުންޏެވެ.