ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތައް ނުވަތަ ސްޕޯޓް ފިޝިންގ ގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި ބައްދަލުވުން ބާއްވާނީ އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހު މާލޭގައި ކަމަށެވެ. މިއީ، މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތު އަންނަ ޖޫންމަހުގެ 10 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ނަން ނޯޓްކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަކޮށްގެންނެވެ. މިނިސްޓްރީން ބުނީ، ފޯމު ފުރިހަމަކުރާ ތަރުތީބުން، ޖާގަ އޮތް މިންވަރަކުން ފުުރުސަތު ފަހިކޮށްދޭނެކަމަށެވެ. އަދި، ބައްދަލުވުމުގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުމާއި ކެއުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސަދޭނެކަމަށްވެސް ބުނެފައި ވެއެވެ.
މި ބައްދަލުވުމާ ބެހޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ނަންބަރު 3339229 އަށް ގުޅާލުމުން މައުލޫމާތު ފޯރުކޮށްދޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.