ގއ.ދެއްވަދޫ އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް އައިސް ދޫކުރަން ފަށައިފިއެވެ.
ދެއްވަދޫ އައިސް ޕްލާންޓްގެ އޮޕަރޭޝަން އިއްޔެ މެންދުރު ހުއްޓާލަންޖެހުނީ އައިސް ޕްލާންޓަށް މައްސަލައެއް ދިމާވެގެނެއް ނޫނެވެ. އޮޕަރޭޝަން ހުއްޓަން މިފްކޯއަށް މަޖްބޫރުވީ، އެތަން ހިންގަން ބޭނުންވާ ތެޔޮ އެފްއެސްއެމްއަށް ގަޑިއަށް ސަޕްލައިކޮށް ނުދެވުމުންނެވެ.
މިއަދު ހެނދުނު ތެޔޮ ލިބުމާއެކު، މިފްކޯއިންވަނީ ވަގުތުން އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް އައިސް ދޫކުރަން ފަށާފައެވެ.
ފަހަކަށް އައިސް އެފްއެސްއެމްއިން ތެޔޮސަޕްލައި ކުރުމުގައި ލަސްކުރަމުންދާތީ ބައެއް ފަހަރު އައިސް ޕްލާންޓްތައް އޮޕަރޭޝަން ހުއްޓާލަންޖެހި، މިފްކޯގެ ބައެއް އޮޕަރޭޝަންތަކައްވެސް ބުރޫއަރައެވެ. މި މައްސަލަތައް ހައްލުކުރުމަށް މިފްކޯއާއި އެފްއެސްއެމްގެ އިސްވެރިންގެ މެދުގައި މީގެކުރިން މަޝްވަރާތަކެއް ކުރިޔަށްގެންގޮސްފައިވެއެވެ.
ގއ. ދެއްވަދޫ އައިސް ޕްލާންޓަކީ ރައީސް ޔާމީނުގެ ސަރުކާރުގައި މިފްކޯއާ ހަވާލުކޮށްގެން ސަރުކާރުން ގާއިމުކުރި އައިސް ޕްލާންޓެކެވެ. އެއީ 25 ޓަނުގެ ކެޕޭސިޓީގެ އައިސް ޕްލާންޓެކެވެ.