ފ. ނިލަންދޫގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާ މަސްކާރުޚާނާގެ އަމަލީ މަސައްކަތް އަވަހަށް ފަށައިދިނުމަށް ނިލަންދޫ ކައުންސިލުން ފިޝަރީޒް މިނިސްޓްރީގައި އެދިއްޖެއެވެ.
ނިލަންދޫ ކައުންސިލުން މިކަމަށް އެދުނީ، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް، ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގައެވެ. މިއަދު ހެނދުނު ފިޝަރީޒް މިނިސްޓްރީގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި ކައުންސިލްގެ މެންބަރުން މިނިސްޓްރީގައި އެދިވަޑައިގެންނެވީ މައިގަނޑު ދެކަމެކެވެ. އޭގެތެރެއިން ފުރަތަމަ އެދިވަޑައިގަތީ އެރަށުގައި ތަރައްޤީކުރާ މަސްކާރުޚާނާގެ އަމަލީ މަސައްކަތް އަވަހަށް ފަށައިދިނުމަށެވެ. މިނިސްޓްރީގެ ފަރާތުން މިކަމުގައި ބުނެފައިވަނީ، އެ މަޝްރޫއަކީ ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއެކު ކުރިޔަށްގެންދަން ހަމަޖެހިފައިވާ މަޝްރޫއަކަށްވުމާއެކު މިހާރު ކުރިޔަށްދަނީ ފަންޑް ހަމަޖެއްސުމުގެ އިދާރީ މަސައްކަތްކަމަށެވެ. އަދި، އެމަރުހަލާ ނިމި ކައިރި މުސްތަގުބަލެއްގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ކައުންސިލުން އެދުނީ، އޮޕަރޭޝަން ހުއްޓިފައިވާ އެރަށުގެ އައިސް ޕްލާންޓް މަރާމާތުކޮށް ވީހާވެސް އަވަހަކަށް އެތަން އޮޕަރޭޝަނަށް ގެނެސް އެސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސައިދިނުމަށެވެ. ކައުންސިލުން ބުނީ އައިސް ޕްލާންޓް އޮޕަރޭޓް ކުރިއިރު އެސަރަހައްދުގެ މަސްވެރިންނަށް ވަރަށް ފަސޭހަކަމާއެކު އައިސްލިބި ފައިދާތަކެއް ލިބިގެންދިޔަކަމަށެވެ. ނަމަވެސް އައިސް ޕްލާންޓްގެ އޮޕަރޭޝަން ހުއްޓިފައިވާތާ ޒަމާންތަކެއްވެފައިވާތީ، އެ ސަރަހައްދުގެ މަސްވެރިންނަށް ދަތި އުދަގޫތަކާ މިހާރު ކުރިމަތިލާންޖެހިފައިވާކަމަށެވެ. އެހެންކަމުން މިފްކޯއާ ވާހަކަ ދައްކައިގެން އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކައުންސިލުން އެދިފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިލަންދޫއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ކަނޑައެޅުމުގެ އިތުރުން އެރަށުގައި މަސްކާރުޚާނާއެއް ތަރައްގީކޮށްދެއްވާނެކަން އިއުލާނުކުރައްވާފައެެވެ. ނިލަންދޫ މަސްކާރުޚާނާ ތަރައްގީކުރަނީ 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތައް އަދި 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ހިމެނޭގޮތަށެވެ. ކާރުޚާނާ ޤާއިމުކުރުމަށް ޙަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ ޑޮންގްފަންގް އިލެކްޓްރޯނިކް އިންޓަރނޭޝަނަލް ކޯރޕަރޭޝަނާއެވެ. އެ ކާރުޚަނާ ގާއިމުކުރުމަށް އެރަށުގެ އުތުރު މަލަމަތިން 7 ހެކްޓަރުގެ ބިމެއް ކައުންސިލުން ވަނީ ހަމަޖައްސަދީފައެވެ. އެތަނުގައި މިހާރުވެސް މަސްވެރިކަމުގެ ބައެއް ވިޔަފާރިތައް ކުރަމުން އަންނައިރު، ކައުންސިލުން ދަނީ އެ ވިޔަފާރިތައް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ނިލަންދޫ އައިސްޕްލާންޓަކީ 2015ވަނަ އަހަރު މިފްކޯއިން 3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގާއިމުކުރި 25ޓަނުގެ އައިސް ޕްލާންޓެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ނިލަންދޫ އައިސް ޕްލާންޓްގެ ހިންގުން ފެނަކައަށް ބަދަލުކުރިއެވެ. އޭގެފަހުން، މިހާރުގެ ސަރުކާރުންވަނީ ފެނަކައިގަ އައިސް ޕްލާންޓް ހިންގުމުގެ ގާބިލިއްޔަތުކަން ނެތްކަމަށް ބަލައި މިއަހަރުގެ ފެބްރުއަރީމަހު އަލުން މިފްކޯގެ ދަށަށް އައިސް ޕްލާންޓް ބަދަލުކޮށްފައެވެ.