back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަސީލަތްތައް އިސްލާޙުކުރުމަށް ރާއްޖެއިން ގޮވާލައިފި

ކަނޑުގެ ނަސްލުތައް ދެމެހެއްޓުމާއި މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަޞީލަތްތައް އިޞްލާޙްކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖޭގެ ފަރާތުން މިކަމަށް ގޮވާލެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފެވެ.

ޕެސިފިކް ފޯރަމުން އިންތިޒާމުކޮށްގެން ހޮނުލުލޫގައި ބޭއްވި އިންޓަނޭޝަނަލް ފޯރަމް (އެޗް.އައި.އެފް) ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ނޫއިޤްތިޞާދުގެ އަސާސްތައް ނަގަހައްޓައި، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެކުލަވާލެވޭ މާލީ ވަޞީލަތްތައް އިޞްލާޙްކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ޕެސިފިކް ފޯރަމުން ކޮށްފައިވާ މަސައްކަތްތަކަށް ތަޢުރީފްކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި، ތަރައްޤީވަމުން އަންނަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

”ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ދިރުމަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން، ގައު ހުދުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން، އަދި ކަނޑުގެ އޮޔަށް ބަދަލު އައުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދޭ،“ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ނޫއިޤްތިޞާދެއް ކުރިއަރުވައި، މަސްވެރިކަމާއި ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާއި، ކަނޑުގެ ސަރަޙައްދުތައް މެނޭޖްކުރުމަކީ ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާނޭ ކަމެއް ކަމަށެވެ. ނަމަވެސް، މިފަދަ މަޝްރޫޢުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ބޭނުންވާ މަޝްރޫޢުތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖީ.ޑީ.ޕީ. އަށް ބަރޯސާވެގެން އެކަށައަޅާ މާލީ އެހީތެރިކަމުގެވަޞީލަތްތައް މުރާޖަޢާކުރުމަށް ގޮވާލައްވާފައެވެ. އަދި، ތަރައްޤީވަމުން އަންނަ، ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކު ޙާލަތު ވަޒަންކޮށް، އެ ޙާލަތްތަކުގެ މައްޗަށް އެކުލަވާލެވޭ އޮނިގަނޑަކަށް މާލީ ވަޞީލަތްތައް ބަދަލުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

”ކޮންސެޝެނަލް އިންސްޓްރޫމަންޓާއި ދަރަނި ލުއިކޮށްދޭ ވަޞީލަތްތަކަށް އަމާޒު ބަދަލުކުރުން މުހިންމު،“ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވީ، ނޫއިޤްތިޞާދާއި ކްލައިމެޓް ފައިނޭންސިންގގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. އަދި ޤައުމުތަކުގެ ކުރިމަގާއި، ޤައުމިއްޔަތު ދެމެހެއްޓުމާއި، ވިލުންވެރި ކުރިމަގެއް ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުންނެވެ.

ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމަކީ މަހަކު އެއް ފަހަރު ބާއްވާ ފޯރަމެކެވެ. އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ސަލާމަތީ މައްސަލަތަކަށް ޙައްލު ހޯދުމަށް ބާއްވާ މި ފޯރަމްގައި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ސިޔާސަތު އެކުލަވާލާ ފަރާތްތައް ބައިވެރިވެއެވެ.

މިލިޔުމާއި ގުޅޭ