back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ވަޢުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރިޔާސީ ވައުދުފުޅާ އެއްގޮަތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މަސްވެރިން އަތުން މަސްގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމުގެ ޔަގީންކަން ދެއްވީ ކެޔޮޅުންގެ ލޮބީއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކެޔޮޅުން އެދިވަޑައިގެންނެވީ ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދެއްވުމަށެވެ. އަދި ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދެއްވުމަށާއި، މަސްކިރާ ލޮކޭޝަން އިތުރުކޮށްދެއްވައި، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކެއުޅުން ވިދާޅުވީ އެބޭފުޅުން މީގެ ކުރީގެ ބައްދަލުވުމުގައި ހުށަހެޅުއްވިކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާތީ ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި 48 ގަޑިއިރުތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުންއައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާޢަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބޭންކު ލޯން މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަންވެސް ޙައްލުކުރުމަށް މަސްވެރިކަމުގެ ސިނާޢަތުގައި އުޅުއްވާ ބޭފުޅުންނާއި ގާތުން މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކެޔޮޅުންގެ ލޮބީއަކީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކުގެ ހައްގުގައި ވަކާލާތުކުރުމަށް، ވަކިން ޚާއްސަކޮށް މަސްވެރިންނަށް ލިބެންހުންނަ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރަންް މަސައްކަތްކުރުމަށާއި، މަސްވެރިކަމުގެ ސިނާއަތުގައި މަސްވެރިންނަށް ހުރި ފުރުސަތުތައް ދެނެގަނެ އެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުމުގެ މަގުސަދުގައިި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެއްދި ޖަމިއްޔާއެކެވެ. މި ޖަމްއިއްޔާގެ މެންބަރުންގެ ތެރޭގައި، ކެޔޮޅުންނާއި، ކުރީގައި ކެޔޮޅުކަން ކުރައްވާފައިވާ ބޭފުޅުންނާއި، އެންކެޔޮޅުންނާއި، އޮޑިވެރިންނާއި، މަސްވެރިންނާއި، ނޫސްވެރިންނާއި، ދިރާސާކުރާ ފަރާތްތަކާއި، ޑައިވަރުންނާއި، މަސްވެރިންގެ ދަރިން ހިމެނެއެވެ.

މިލިޔުމާއި ގުޅޭ