back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ ރާއްޖޭގެ ދާއިމީ މަންދޫބަކަށް އިރުތިޝާމް!

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން(އައިއެމްއޯ) އަށް ދިވެހި ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު އެޖަމާއަތައް ފަތްކޮޅު އަރުވައިފި އެވެ.

ރާއްޖޭގެ ފަރާތުން އައިއެމްއޯގެ ދާއިމީ މަންދޫބަކަށް ކަނޑައަޅުއްވާފައިވަނީ، ރާއްޖެއިން އިނގިރޭސި ވިލާތާއި، ފަރަންސޭސި ވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް އެވެ.

ސަފީރު އިރުތިޝާމް އާދަމް މަގާމުގެ ފަތްކޮޅު އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ އެންތޯނިއޯ ޑޮމިންގޭޒް ވެލާސްކޯއަށް އެރުވީ، ލަންޑަންގައި ހުންނަ އައިއެމްއޯގެ މައި އޮފީހުގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އައިއެމްއޯއަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބް އިރުތިޝާމް އާދަމް، ފަތްކޮޅު އެރުވުން/ ފޮޓޯ: ފޮރިން މިނިސްޓްރީ

މި ރަސްމިއްޔާތުގައި ސަފީރު އިރުތިޝާމް އާދަމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހެޔޮ އެދުންތައް އަރިސްކުރައްވައި، އައިއެމްއޯއާ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ދިވެހި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި އައިއެމްއޯގެ އިސްނެގުމާއެކު، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ގާބިލްކަން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުންދޭނެކަމުގެ ޔަގީންކަންވެސް ދިވެހިސަރުކާރުގެ ފަރާތުން ސަފީރު ވަނީ އަރުވާފަ އެވެ.

މި ރަސްމިއްޔާތުގައި އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސަފީރު އިރުތިޝާމް އާދަމަށް މަރުހަބާ ވިދާޅުވެ، ދެފަރާތުގެ މަސްލަހަތު ހުރި އެކި ދާއިރާތަކުން ރާއްޖެއަށް އައިއެމްއޯއިން ދޭ އެއްބާރުލުންތައް ތަކުރާރު ކުރައްވާފައެވެ.

އައިއެމްއޯއަކީ 17 މާރޗް 1948 ގައި އދ ގެ ޚާއްސަ އޭޖެންސީއެއްގެ ގޮތުގައި އުފައްދާފައިވާ ޖަމާއަތެކެވެ. އެޖަމާއަތުގެ ޒިންމާތަކުގެތެރޭގައި، ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ބޯޓުފަހަރުން ކަނޑާއި ޖައްވު ތަޣައްޔަރުވުން ހުއްޓުވުން ހިމެނެއެވެ. އަދި، ކަނޑުދަތުރުފަތުރުގެ ސިނާއަތައް އާންމުކޮށް ތަންފީޒުކުރެވޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލާ ތަންފީޒުކުރުމަކީވެސް އެޖަމާއަތުގެ މަގުސަދުގެތެރޭގައި ހިމެނޭކަމެކެވެ. މި އޮނިގަނޑަކީ އިންސާފުވެރި އަދި ފައިދާހުރި، އާންމުކޮށް ތަންފީޒުކުރެވޭ އޮނިގަނޑަކަށް ވާންޖެހެއެވެ.

މިވަގުތު އައިއެމްއޯގައި 174 މެމްބަރު ޤައުމާއި، 3 އެސޯސިއޭޓް މެންބަރުން ތިއްބަވައެވެ. ދިވެހިރާއްޖެ އައިއެމްއޯއާ ގުޅުނީ 31 މެއި 1967 ގައެވެ. ސަފީރު އިރުތިޝާމަކީ ރާއްޖެ އެ ޖަމާއަތުގެ މެމްބަރު ގައުމަކަށް ވީފަހުން އައިއެމްއޯއަށް އެކްރެޑިޓް ކުރެވުނު ދެވަނަ ދާއިމީ މަންދޫބެވެ.

ފަތްކޮޅު އެރުވުމަށް އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި، އިރުތިޝާމް އާދަމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރު މުހައްމަދު އަހުމަދާއި ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފް އަދި ފަސްޓް ސެކްރެޓަރީ ސާރާ ޚާލިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިލިޔުމާއި ގުޅޭ