”މައި ހުޅުމާލެ“ މަސްރޭހުގެ އެއްވަނަ ”ޗިލް ބްރޯޒް“ ޓީމް ހޯދައިފި އެވެ.
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބުރާސްފަތި ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށް ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ މަސްރޭހުން ”ޗިލް ބްރޯޒް“ އެއްވަނަ ހޯދީ ރޭސް ނިންމި 19 ޓީމްގެތެރެއިން އެންމެ ގިނަ މަސް ބޭނި ޓީމުގެ ޝަރަފް ހޯދައިގެންނެވެ.
ފަރުމަސްވެރިކަމުގެ މުބާރާތްތަކުގައި މީގެކުރިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާކާރު ”ޗިލް ބްރޯޒް“ މި މަސްރޭހުގައި ޖުމްލަ 181 މަސް (88.6 ކގ)ބޭނިއެވެ. ރޭހުގެ ހުރިހައިގޮތަކުން އެންމެ މޮޅު ޓީމްގެ ޝަރަފު ހޯދީވެސް ”ޗިލް ބްރޯޒް“ އެވެ. އެޓީމަށް އިނާމެއްގެ ގޮތުގައި ދިން 21،000ރުފިޔާ ޓީމާ ހަވާލުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލެވެ.

މަސް ރޭހުގެ އެންމެ މޮޅު ކެޔޮޅަކަށް ހޮވުނީ ”ޗިލް ބްރޯޒް“ ޓީމްގެ ކެޔޮޅު ޔޫސޭއެވެ. ޖުމްލަ 59 މަސް ބާނައިގެން އެންމެ މޮޅު ކެޔޮޅަކަށް ހޮވުނު ޔޫސޭއަށް އިނާމުގެގޮތުގައި އެޗްޑީސީން 5،000ރުފިޔާ ދިނެވެ. ފައިސާގެ އިނާމު ކެޔޮޅާ ހަވާލުކޮށްދެއްވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފަޔާޒް މަންސޫރެވެ.

މަސް ރޭހުގައި އެންމެ ބަރު މަސް ބޭނީ ޓީމް ސީ ހޯސްގެ މޯޑް އެވެ. އޭނާ ބޭނި މަހުގެ ބަރުދަނަކީ، 11.90 ކިލޯ ގްރާމްއެވެ. އޭނާއަށް އެޗްޑީސީން ފައިސާގެ އިނާމެއްގެގޮތުގައި،5000 ރުފިޔާ ދިނެވެ. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާގެ މެންބަރު މުހައްމަދު ޝަޒީމެވެ.

މައި ހުޅުމާލެ މަސް ރޭހުގެ އެންމެމޮޅު ޓީމް ނުހިމަނައި އެންމެގަދަ ދިހަ ޓީމްވެސް ހޮވައި އިނާމްދީފައި ވެއެވެ. ގަދަ 10ގައި ހިމެނުނު ޓީމްތަކަށް، އިނާމް ހުށަހެޅީ ހުޅުމާލެ މަސްވެރިންގެ ޖަމްއިއްޔާ އާއި އެންސިސްގެ ފަރާތުންނެވެ. މަސްވެރިންގެ ޖަމްއިއްޔާއިން ދިން މެޑެލް އާއި އެންސިސްއިން ދިން ގިފްޓް ހޭމްޕާ ޓީމްތަކާ ހަވާލުކޮށްދެއްވީ، އެޗްޑީސީގެ ޗީފް ރިސޯސް އޮފިސަރ މުހައްމަދު އިލްހާމް އާއި ހުޅުމާލެ މަސްވެރިންގެ ޖަމްއިއްޔާގެ ރައީސް އިބްރާހިމް ނަޝާދުއެވެ.
ގަދަ 10 ޓީމް:
1- ޓީމް ސޫފިޔާ
2- ބަރޮސް މޯލްޑިވްސް
3- ސްޓެލްކޯ ކަނބަލުން
4- ޓީމް ސީ ހޯސް
5- މާސްޓަރ ބައިޓް
6- ސުމްބުލި ކެޔޮޅު
7- ނޫވިލަ
8- ސެންޗޫރިއަން
9- އައިލޭންޑް ބެވަރޭޖް މޯލްޑިވްސް
10- ޓީމް ވައްޓަރު
”މައި ހުޅުމާލެ“ މަސްރޭހުގައި ޖުމްލަ 64 ޓީމް ބައިވެރިވިނަމަވެސް، ރޭހުގެ ގަވައިދާ އެއްގޮތައް ގަޑިއަށް ފުރާފައިވަނީ 41 ޓީމެވެ. އަދި، ރޭސް ނިންމީ 19 ޓީމަކުންނެވެ. އެހެންކަމުން ވަނަތައް ހޮވާފައިވަނީ ގަޑިއަށް ރޭސް ނިންމި 19 ޓީމްގެ މެދުގަ އެވެ.