ލ. މާވަށުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ކޮންމެ އޮޑިއަކަށް، އެރަށު ބަނދަރުގައި ވަކި މީޓަރެއް ބަހައްޓައި ކަރަންޓް ޚިދުމަތް ފޯރުކޮށްދޭން އެރަށު ކައުންސިލުން ނިންމައިފި އެވެ.
އެރަށު ކައުންސިލުން ފާސްކޮށް އާންމުކުރި، ”ހައްދުންމަތީ މާވަށު ބަނދަރުން ކަރަންޓުގެ ޚިދުމަތް ދިނުމުގައި އަމަލުކުރާނެގޮތުގެ އުޞޫލު“ ގައިވާގޮތުންނަމަ،ކައުންސިލްގެ ހުއްދަޔާއެކު ރަށުގެ ބަނދަރު ސަރަހައްދުގައި އެކި މަސައްކަތްތައް ކުރާ ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ވަކި އުސޫލެއްގެ ދަށުން ހަމަޖައްސާފަ އެވެ. އެގޮތުން، މާވަށުގައި ދުއްވާ ކޮންމެ މަސްދޯންޏަކަށް ވަކި މީޓަރެއް ބަހައްޓަން އެ އުސޫލުން ކަނޑައަޅާފައި ވެއެވެ.
މަސް އޮޑިފަހަރަށް ޚާއްސަކޮށް ބަހައްޓާ މީޓަރުން ޚިދުމަތް ހޯދަން ބޭނުންވާ މަސް އޮޑިފަހަރުން، އެކަމަށް ކަނޑައަޅާފައިވާ ފޯމް ފުރިހަމަކުރުމަށްފަހު، ކައުންސިލަށް ހުށަހަޅަންޖެހެއެވެ. ކައުންސިލުން ފޯމް ޗެކުކުރުމަށްފަހު ޝަރުތުހަމަވާ އޮޑިފަރަރުތަކަށް، ކައުންސިލާއެކު ވެވޭ އެއްބަސްވުމުގެ ދަށުން ވަކި މީޓަރެއް ރަޖިސްޓްރީ ކުރެވޭނެއެވެ.
ރަޖިސްޓްރީ ކުރާ މީޓަރުން ޚިދުމަތް ފޯރުކޮށްދެނީ އަގު ނަގާގޮތަށެވެ. އަދި މީޓަރުތަކައް އަގުނަގާނީ ފެނަކައިން ބިލްކުރާ ރޭޓުންކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އަދި، ބިލްކުރާނ،ީ ކޮންމެ މީލާދީ މަހެއްގެ 25 ވަނަ ދުވަހު ރީޑިންގ ނެގުމަށްފަހު ކައުންސިލުން ތައްޔާރުކުރާ ބިލަކަށް ކަމަށާއި، ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ
ކުރިން ބިލަށް ފައިސާ ދައްކަން ޖެހޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ކައުންސިލުން ބުނީ، ބިލަށް ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތުގައި ބިލަށް ފައިސާ ނުދައްކައިފިނަމަ، އެހިސާބުން ފެށިގެން ޚިދުމަތް މެދުކަނޑާލާނެކަމަށެވެ. އަދި، ޚިދުމަތް އަލުން ދޭނީ ޕެންޑިންގަ ހުރި ހުރިހާ ބިލެއް ދެއްކުމުންކަމަށް ކައުންސިލުން ބުނެފައި ވެއެވެ.