back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ދޯނީގަ އާރްއެސްޑަބްލިޔު ހަރުކުރަން ބާރުއަޅަނީ އައިސް ހޯދަން ދުއްވާއިރު ތެލަށް ކުރާ ހޭދަ ސަލާމަތްކުރަން: މިނިސްޓަރު ޝިޔާމް

މަސްވެރި އޮޑިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އެފްރިޖަރޭޓޭޑް ވޯޓަރ ސިސްޓަމް(އާރްއެސްޑަބްލިޔު) އަޅަން ސަރުކާރުން ބާރު އަޅަމުން ދަނީ، އައިސް ހޯދުމަށް އެކި ސަރަހައްދުތަކަށް އޮޑިދުއްވާއިރު، ތެލަށް ކުރާ ހޭދަ ސަލާމަތްކޮށްދިނުމުގެ ބޭނުމުގައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ”އަހާ ފޯރަމް“ ގައި މަސްވެރިންނަށް ބޭނުންވާ މިންވަރަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، ފެސިލިޓީތަކައް މަސް ގެންދާއިރު އެމަހުގެ ތާޒާކަން ކަށަވަރުކުރުން ވަރަށް މުހިންމު ކަމަށާއި، އެކަން ކަށަވަރުކުރެވޭނީ މަސްވެރިންނަށް އެކަށީގެންވާގޮތެއްގައި އައިސް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރެވިގެންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ހައްލުކުރެއްވުމަށް ލޭންޑް ބޭސްޑް އައިސް ޕްލާންޓްތައް ގާއިމުކުުރުމުގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް އޮޑިފަހަރުގައި އާރްއެސްޑަބްލިޔު ސިސްޓަމްތައް ގާއިމުކުރުމަށް ލޯނު ދޫކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި މި ފުރުސަތުގެ ތެރެއިން، އޮޑިފަހަރުތަކުގަ އާރްއެސްޑަބްލިޔު ސިސްޓެމް ގާއިމުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅަމުން އަންނަކަމަށާއި، އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ، ފެސިލިޓީތަކައް ގެންނަ މަހުގެ ކޮލިޓީ ޔަގީންކޮށް، އައިސް ހޯދަން ދުއްވާ ދުއްވުމަށް ކުރާ ތެލުގެ ހޭދަ ސަލާމަތްކޮށްދިނުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”ދޯނީގެ އާރްއެސްޑަބްލިޔު ހަރުކުރަން ހިތްވަރުދެނީ، އެނގިވަޑައިގަންނަވާނެ ވަކި ހިސާބުތަކެއްގަ މިހުރީ އައިސް ޕްލާންޓްތައް ގާއިމުކުރެވިފަ. އެތަނުން އައިސް ނުލިބުނީމަ އަނެއް ތަނަށް ދުއްވަން ޖެހޭ ދުއްވުން މިއީ ވަރަށް ބޮޑު ހޭދައެއް. ތެލަށް ވަރަށް ބޮޑު ހޭދައެއް މަސްވެރިން ކުރަން ޖެހޭތީއާއެކީގަ. ދޯނީގަ އާރްއެސްޑަބްލިޔު ހަރުކޮށްގެން އެކަން ކުރާނަމަ، ވަރަށް ބޮޑު އެއްޗެއް ސޭވްވާނެ. އޭގެ މާނައަކީ، މަސްވެރިއާގެ ޖީބަށްލާން އޮންނަ އެތި ބޮޑުވެގެންދާނެ. އެއީ އަޅުގަނޑުމެންގެ މައިގަނޑު ބޭނުމަކީ.“ މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޮޑިފަހަރުގައި އާރްއެސްޑަބްލިޔު ސިސްޓަމްތައް ގާއިމުކުރުމުގެ މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ޚާއްސަ އިސްނެންގެވުމެއްގެ ދަށުން ކުރިޔަށްގެންދަވާ މަޝްރޫއެއްކަމަށެވެ. އަދި އާރްއެސްޑަބްލިޔު ހަރުކުރުމަށްޓަކައި ބޮޑު ހޭދައެއް ކުރަމުންދާއިރު، އަމާޒަކީ މި މަަޝްރޫއުގެ ދަށުން 110 އޮޑިއެއްގައި އާރްއެސްޑަބްލިޔު ސިސްޓަމް ހަރުކުރުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”މަސްވެރިންނަށް، އޮޑިވެރިންނަށް ސަރުކާރަކުން ކޮށްދޭނެ އެެންމެ ރަނގަޅު ކަންތައް މިއީ ދޯނި ފަހަރުގަ އާރްއެސްޑަބްލިޔު މިނިޒާމް ގާއިމުކުރުމަށްޓަކައި، މި ހުޅުވާލި ފުރުސަތު. ދިވެހިރާއްޖޭގެ މިއޮތް ފްލީޓްގަ މި ވަގުތު ލައިސަންސް ދެވިގެން މަސްވެރިކަން ކުރާ އެބައުޅޭ 590 ވަރަކަށް ދޯނި. އަޅުގަނޑުމެން މި އުންމީދު ކުރަނީ ހުރިހައި ދޯންޏެއްގައި ވެސް މުސްތަގުބަލުގައި އާރްއެސްޑަބްލިޔު ނިޒާމު ގާއިމުކުރެވިގެންދާނެކަމަށް. އެކަމަށް މިހާރު ހުޅުވާލެވިފަ އޮތް ފުރުސަތުގައި އިރާދަކުރެއްވިއްޔާ 110 ދޯނީގައި ނިޒާމު ގާއިމުކުރާނަން.“ މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިޔު) ގާއިމުކުރުމުގެ މަޝްރޫގެ ދަށުން ކުރިޔަށްގެންދާ ”މުރާބަޙާ އާރްއެސްޑަބްލިއު ފައިނޭންސިންގ“ ފެސިލިޓީއަކީ، އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް(އައިޑީބީ) ގެ ”ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު“ ގެ ދަށުން އޮޑިފަހަރުގައި އާރްއެސްޑަބްލިއު އެޅުމަށް، ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) ގުޅިގެން ހަމަޖައްސާފައިވާ ފައިނޭންސް ފެސިލިޓީ އެކެވެ.މި ފެސިލިޓީއަށް އެދި މިހާތަނަށް 44ފަރާތަކުން ހުށަހަޅާފައިވާއިރު، އޭގެތެރެއިން 25 ފަރާތަކަށް މިހާރުވަނީ ލޯނު ހަމަޖައްސައިދީފަ އެވެ. ފައިނޭންސް ހަމަޖެހުނު 13 ފަރާތަކައް ލިޔުން ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މިހާރުވެސް އެސްޑީއެފްސީ ޕޯޓަލްމެދުވެރިކޮށް ފެސިލީޓިއަށްއެދި އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

މި ފެސިލިޓީގެ ދަށުން މަސްދޯނިފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމް ޤާއިމްކުރުމަށާއި، ޖެނެރޭޓަރ ސެޓް ގަތުމަށާއި، ސޯލާ ޕަވަރ ޕެނަލް ސިސްޓަމް ގަތުމަށް، ރަހުނަކާ ނުލައި، 2,000,000 ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެއެވެ. ލޯނުގެ ފައިދާ އަހަރަކަށް %6 ގެ މަގުން ހިސާބުކުރާއިރު، މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ދައްކައިދެނީ ސަރުކާރުންނެވެ. 6 މަސް ދުވަސް ގްރޭސް ޕީރިއެޑްގެގޮތުގައި ހަމަޖައްސައިދޭއިރު، ލޯނުއަނބުރާ ދައްކަން ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތެއް ލިބެއެވެ.

މިލިޔުމާއި ގުޅޭ