މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ މަސައްކަތްތައް ރޯދަމަހު ފެށޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ކުންފުނީގެ ބޯޑު އެކުލަވާލުމުގެ މަސައްކަތް މިހާރު ޕްރައިވޭޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ކުރަމުން އަންނަ ކަމަށާއި، ރޯދަމަސްތެރޭގައި އެ އޭޖެންސީގެ މަސައްކަތް ފެށި، ރޯދަމަސް ނިމެންވާއިރަށް ފުރިހަމަ ކުންފުންޏެއްގެ ގޮތުގައި ހަރަކާތްތެރިވެ މަސައްކަތްކުރެވޭނެކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތު ޕްރޮމޯޓްކުރުމަށް ސަރުކާރުން އުފެއްދި މިކުންފުނީގެ މަސައްކަތް އެންމެ ފުރަތަމަ ކުރަމުންދާނީ ފިޝަރީޒް މިނިސްޓްރީގެ ތެރޭގައި ކަމަށާއި، މިނިސްޓްރީގެ އެއް ފަންގިފިލާގައި އެ ކުންފުނީގެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިކުންފުންޏާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، ކުންފުނީގެ މަސައްކަތް ފެށުނީމައި ބޭރުގެ އިތުރު މާކެޓް ހޯދުމުގެ މަސައްކަތް ފެއްޓޭނެކަމަށެވެ. އަދި ޑޮމެސްޓިކް މާކެޓުގައި މަސްވެރިކަމުގެ ކުދި އަދި މެދުފަންތީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަން ހައްލުކޮށް އެފަރާތްތަކަށް އެތެރޭގެ މާކެޓުތަކުން ޖާގަހޯދުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށެވެ.
ރާއްޖޭގެ މަސްވެރިކަމުގެ އެންމެ ބޮޑު ”ކޮންޒިިއުމާ ބޭސް“ އަކީ ރިސޯޓުތައްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އެމީހުން ބާނާ މަސް ރިސޯޓު މާކެޓަށް ވިއްކޭނެ މަގު ފަހިކުރަންވެސް މަސައްކަތް ކުރެވިގެންދާނެކަމަށެވެ.
”މި އޭޖެންސީގެ މަސައްކަތަކީ ހަމައެކަނި ރާއްޖެއިން ބޭރުގައި ކުރާ މަސައްކަތެއް ނޫން. ދިވެހި ރާއްޖޭގައި އެބައޮތް އިނގޭތޯ މަސް ބޭނުންކުރާ ބޮޑު ސިންގާ މާކެޓެއް. އެމާކެޓަށްވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ”ޕެނެޓްރޭޓް“ ކުރުން ވަަރަށް ބޮޑު އަމާޒަކަށް ވާނެ.“ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ”މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑް“ އުފެއްދެވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު އެވެ. މިއީ، ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.
މި ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެ ޞިނާޢަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެއެވެ. އަދި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް، ޤައުމީ ބާޒާރާއި ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުން ހިމެނެއެވެ.