ޖަޕާނު ސަރުކާރުން ކޯސްޓްގާޑަށް ޕެޓްރޯލް ކުރަން ބޭނުންކުރާ ދެ ކަނޑުމަތީ އުޅަނދު ހަދިޔާ ކުރަން ނިންމައިފި އެވެ.
ޖަޕާނު ސަރުކާރުން މި ދެ އުޅަނދު ހަދިޔާ ކުރުމަށް ހަމަޖެހިފައިކަމުގެ ލިޔުމުގައި ދެ ގައުމުގެ ސަރުކާރުން ސޮއިކޮށްފައިވަނީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ދިވެހި ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީއާއި، ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީގެ އިސް ވެރިން ބައިވެރިވަޑައިގެންނެވި މި ރަސްމިއްޔާތުގައި ސޮއިކުރެވުނު މި ރަސްމީ ލިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއުކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚާލީލެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ލިޔުމުގައި ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝީގާމީ ރުމިކޯއެވެ.
މި ދެ އުޅަނދު ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ، ޖަޕާނު ސަރުކާރުން ކުރިޔަށްގެންދާ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމްގެ ދަށުންނެވެ. ކޯސްޓްގާޑްގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް އެހީތެރިވުމަށް މި ޕްރޮގްރާމްގެ ދަށުން 28 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށް ހަމަޖެހިފައި ވެއެވެ.
”އެކްސްޗޭންޖް އޮފް ނޯޓްސް“ގައި ސޮއިކުރުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑރ. ޚަލީލް ވަނީ ޖަޕާނު ސަރުކާރުން ދެމެހެއްޓެނިވިގޮތެއްގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާތީ އެކަމުގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި، ޖަޕާނުން ހަދިޔާކުރާ އުޅަނދުތަކާއެކު، ކޯސްޓްގާޑްގެ ހާބަރ ޕެޓްރޯލް ފްލީޓް އިތުރުވެ، ކޯސްޓްގާޑުން ކުރިޔަށްގެންދާ ”ސާރޗް އެންޑް ރެސްކިއު“ އޮޕަރޭޝަންތައް ކުރިޔަށް ގެންދިއުމަށާއި، ކަނޑުތަކުގެ ގާނޫނު ތަންފީޒްކުރުމަށާއި އަދި މުޖުތަމައުގެ ހިމަޔާތައް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރެވި ގާބިލިއްޔަތުކަން އިތުރުވެގެންދާނެކަމަށެވެ.
މި އެއްބާރުލުމުން ދައްކުވައިދެނީ ރާއްޖެއާއި ޖަޕާނުން ގުޅުން ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ވަރުގަދަ އަޒުމް ކަން ފާހަގަކުރައްވައި، ޖަޕާނުން ރާާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ ތަރައްގީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުންދާތީ މިނިސްޓަރ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، ޖަޕާނުން ރާއްޖެއަށް ޑިފެންސް އަޓާޗޭއެއް އައްޔަންކުރަން ނިންމާފައިވާ ނިންމުމަށް މަރުހަބާ ވިދާޅުވެ، މީގެ ސަބަބުން ދެގައުމުގެ ދެމެދުގައި ދިފާއީ އަދި ސަލާމަތީ ކަންކަމުގައި ގުޅުން ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި އެވެ.