ރ. މަޑުއްވަރީ މަސްވެރި އޮޑިއަކުން މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.
މާވަހަރެއް ކަމަށް ބެލެވޭ އޭތި ހޮވީީ ޅ. އަތޮޅަށް މަހަށް ނިކުމެ އުޅުނު ރ މަޑުއްވަރީ ”ހިތްވަރު“ ދޯނިންނެވެ.
އޮޑީގެ ވެރިޔާ އަހްމަދު ޒިލާލު ބުނީ، އޭތި ފެނުނީ ވިއްސާރަވެގެން ޅ. އޮޅުވެލީ ފަޅަށް ވަތްތަނުންކަމަށެވެ. އޭނާ ބުނީ އެއީ މާވަހަރެއްކަމަށް ލަފާކުރެވޭ ކަމަށާއި، އަދި އެކަން ކަށަވަރުކުރުމުގެ މަސައްކަތް ނުފަށާކަމަށެވެ.
”އަދި ބަރުދަނެއްވެސް ބަލައެއްނުލަން. އެއީ މާވަހަރެއްތޯ ޔަގީންކުރަން އުޅެންވީ ދެން.“ޒިލާލް ބުންޏެވެ.
އޮޑީގެ ވެރިފަރާތުން ހިއްސާކުރި ފޮޓޯއަށް ބަލާއިރު، އެ ފެނުނު އެތި އެންމެ ވައްތަރަކީ ހުދަންބަރަކާއެވެ.
ރ. ދުވާފަރު ދޯންޏަކުން ބަރުދަނުގައި 800 ގުރާމް ހުރި ހުދަންބަރެއް 2019ވަނަ އަހަރު ހޮވާފައިވެއެވެ. ހުދަންބަރަކީ މާވަހަރުގެ ވައްތަރުތަކުގެ ތެރެއިން ވެސް އެންމެ ޚާއްޞަ އަދި އެންމެ އަގުހުންނަ އެއް ބާވަތެވެ.