ދ. މީދޫގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ އަޟްހާ އީދަށް ނިންމާލެވޭނެވަރުވާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
އައިސް ޕްލާންޓްގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ”ކެޔޮޅާ“ އާ ހިއްސާކުރައްވަމުން، މިފްކޯގެ މެނޭޖަރ އޮޕަރޭޝަންސް ހާމިދު ނަޒީމް ވިދާޅުވީ، އައިސް ޕްލާންޓްގެ ހުރިހައި ސިވިލް މަސައްކަތްތައްނިމި މިހާރު ކުރަމުންދަނީ،، ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިޔަށްދާގޮތަށް ބަލާނަމަ، އަންނަ އީދަށް އައިސް ޕްލާންޓްވެސް އިންސްޓޯލްކުރެވި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށް ނަޒީމް ވިދާޅުވި އެވެ.
އައިސް ޕްލާންޓަށް ބޭނުންވާ މެޝިނަރީ އާލާތްތައް މީދޫއަށް ގެންގޮސްފައިވަނީ، މިމަހުގެ އެއްވަނަ ދުވަހުއެވެ.
މީދޫ އައިސްޕްލާންޓް އެޅުމުގެ މަސައްކަތް މިފްކޯ އާ ހަވާލުކުރީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. 8 މިލިއަން ރުފިޔާގެ މި މަސައްކަތް މިފްކޯއާ ހަވާލުކޮށްފައިވަނީ، އަމަލީ މަސައްކަތް ފަށާތާ 8 މަސް ދުވަސްތެރޭގައި ނިންމާގޮތަށެވެ. މީދޫ އައިސް ޕްލާންޓް ތަރައްގީކުރަނީ، ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭގޮތަށެވެ.
އައިސް ޕްލާންޓް ގާއިމުކުރަނީ، ދ.މީދޫ ކައުންސިލާއި މިފްކޯ އާއި ދެމެދު ސޮއި ކުރެވުނު އެއްބަސްވުމެއްގެ ދަށުން ކައުންސިލުން ހަމަޖައްސައިދީފައިވާ 3،000އަކަފޫޓުގެ ބިމެއްގަ އެވެ.