ކަނޑުއަޑީގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ބައިވެރިވަޑައިގެންފި އެވެ.
ދުނިޔޭގެ ރިކޯޑަށް އަމާޒުކޮށް މި މަހުގެ ތިންވަނަ ދުވަހު އުރީދޫ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބ. ފުޅަދޫ ކައިރިން ކަނޑުއަޑީގައި ބޭއްވި މި ހަރަކާތް ކާމިޔާބުކޮށް އުރީދޫން ވަނީ، ގިނިސް ބުކް އޮފް ވޯލްޑް ރިކޯޑުން ޖާގަހޯދާފަ އެވެ.
އުރީދޫގެ އަހަރީދުވަހާއި ގުޅުވައިގެން ބޭއްވި މިހަރަކާތުގައި 20 މީހުން ބައިވެރިވެފައިވާއިރު، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ހިމެނި ވަޑައިގަންނަވަނީ ޕެނެލްގައި ވާހަކަދެއްކެވި 5 ޕެނެލިސްޓުންގެ ތެރޭގައެވެ. އެބޭފުޅުން ވަނީ ޕެނެލް ޑިސްކަޝަންގައި ދެމިނެޓަށް ވުރެ ގިނައިރު ވާހަކަދައްކާފަ އެވެ.
މިނިސްޓަރު ޝިޔާމްގެ އިތުރުން ޕެނެލްގައި ދެން ވާހަކަފުޅު ދެއްކެވީ އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ އާއި، އެކުންފުނީގެ އޮޕަރޭޝަންސް ޑިރެކްޓަރު ޝަބީން އަލީ އާއި، ޓްރާންސްމިޝަން، ސީނިއާ މެނޭޖަރު އަފްޝީން މުހައްމަދު އަދި އެމްއެންޑީއެފް އިން ބްރިގޭޑިއާ ޖެނަރަލް މުހައްމަދު ސަލީމް އެވެ.
ދުނިޔޭގެ ތާރީޚުގައި ލިޔެވިގެންދާ މި ހަރަކާތުުން ދައްކުވައިދެނީ އުރީދޫން އިޖާދީ މަސައްކަތްތަކަށް އިސްކަންދޭ މިންވަރެވެ. އުރީދޫގެ މި ކާމިޔާބީއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އީޖާދީ މަސައްކަތާ ގުޅުވައިދިން ކަމެއްގެގޮތުގައި އެކުންފުނީގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވެފައި ވެއެވެ.
2022 ވަނަ އަހަރު އެއް ވަގުތެއްގައި އެންމެ ގިނަ މީހުން ފީނައިގެން ރާއްޖެއިން ރެކޯޑެއް ހެދިއެވެ. އެ ރެކޯޑުގައި 455 މީހުން ބައިވެރިވިއެވެ.