back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިންގެ ”ބެކްލޮގް“ މާޗު ފަހަކަށް ޚަލާސްކުރަން ސަރުކާރުން ބުނި ނަމަވެސް މިފްކޯއަށް އެކަމެއް ނުވި!

މަސްވެރިން އަތުން މިފްކޯއިން މަސްގަތް ބިލުތަކަށް ދޭން ހުރި ފައިސާ ނުދީ އެތައް ދުވަހެއް ފާއިތުވުމާއި ގުޅިގެން މަސްވެރިންނާއި މަސްވެރި އާއިލާތަކުގެ ދިރިއުޅުމަށް ދަތިވެ، މިދިޔަ މަހު ކޫއްޑޫ މަސްފެކްޓަރީ އާއީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން އިހުތިޖާޖުކުރި އެވެ. މަސްވެރިން އެ ތަންތަނުގެ މަސައްކަތް ހުއްޓުވާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލާ ހިސާބަށް ކަންކަން ދިޔަ އެވެ.

މިއާއެކު ކުއްލި ގޮތަކަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާއި ބައްދަލުކުރައްވައި މަސްވެރިންގެ އަޑު އައްސަވައި މަސްވެރިންގެ ކަނބޮޑުވުންތައް ހައްލުކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އިހުތިޖާޖުގައި މަސްވެރިން ގޮވާލަމުން ދިޔައީ މަސްވެރިންނަށް ދޭން ހުރި ހުރިހައި ފައިސާ ދިނުމުން ނޫނީ އިހުތިޖާޖު ހުއްޓާނުލާނެކަމަށެވެ.

މިނިސްޓަރުގެ ދަތުރުފުޅަށްފަހު މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހް ރަޝީދާއި މިފްކޯގެ މެނޭޖްމެންޓް ޓީމެއް ކޫއްޑޫއަށް ދަތުރުކުރި އެވެ. މަސްވެރިން ރުއްސަން ދޭތެރެ ދޭތެރެއިން މަސްވެރިންނާއި ބަދަލު ކުރެއްވުމަށްފަހު މަސްވެރިންގެ ޝަރުޠުތައް ފުރިހަމަކޮށް ނުދެއްވާ، މަސްވެރިންނަށް ފިއްލަވައިގެން މާލެ ވަޑައިގަތެވެ. މަސްވެރިން ސީއީއޯ ގެއްލިގެން އެވާހަކަ ދައްކަމުން ދަނިކޮށް އޭރު މިފްކޯ އިން ބުނީ ސީއޯ މާލެ ވަޑައިގެންނެވީ މަސްވެރިންނަށް ދޭންވާ ފައިސާ ރިލީޒް ކުރުމުގެ މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

މަސްވެރިން ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އިހުތިޖާޖު ހުއްޓާލީ މަސްވެރިންނަށް ދޭން ހުރި ފައިސާ ބައިބަޔަށް ބަހައިގެން ދޫކުރަށް މިފްކޯއިން އެއްބަސްވުމުންނެވެ. އޭގެ ކުރިން ފައިސާ އެއްކޮށް ދޫކުރުމުން ނޫނީ މަހަށް ނުފުރާނެކަމަށް، އަދި ކޫއްޑޫ ދޫކޮށް ނުދާނެކަމަށް ބުނިނަމަވެސް ފައިސާ ދޭނެ އިންތިޒާމު ހަމަޖައްސައި ފައިސާ ދޫކުރާނެ ގޮތްތައް ކަނޑައެޅުމުން މަސްވެރިން ކޫއްޑޫ ދޫކޮށް ދިޔައެވެ. އޭރު މަސްވެރިން ބުނީ މަހަށް ފުރަނީ ގޮތް ހުސްވެގެންކަމަށާއި، އިހުތިޖާޖު ދިގުލައިގެން ހިނގައްޖެނަމަ، ދެންވެސް އެމީހުން ދިރިއުޅުމަށް ކުރާ މަސައްކަތް ހުއްޓި އާއިލާތައް ތިބޭނީ ބަނޑަށް ކަމަށެވެ. އަދި ކުރިޔަށް އޮތީ ރޯދަމަހަށްވެފައި ދެންވެސް ޒަރޫރީ ބޭނުމަށް އިތުރު ފައިސާއެއް ހޯދޭނީ މަހަށް ގޮސްގެން ކަމަށް މަސްވެރިން އޭރު ބުންޏެވެ.

އިހުތިޖާޖު ނިންމާލި ފަހުން މިހާތަނަށް މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވާކަން މީޑިއާއަށް ހާމަކޮށްފައިވަނީ ޖުމްލަ 155 މިލިއަން ރުފިޔާއެވެ. ބެކްލޮގްގައި ހުރި ކަމަށް ސަރުކާރުން ބުނަނީ 280 މިލިއަން ރުފިޔާއެވެ.

އިހުތިޖާޖަށް ފަހު މަސްވެރިންނަށް ފައިސާ ދިންގޮތުގެ ތަފުސީލު:

  • 21 ފެބްރުއަރީ:70 މިލިއަން ރުފިޔާ
  • 26 ފެބްރުއަރީ:35 މިލިއަން ރުފިޔާ
  • 05 މާޗު:50 މިލިއަން ރުފިޔާ(ޕްރޮސެސް ކުރަމުން ދަނީ)

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ މަސްވެރިންނަށް ދޭންހުރި ފައިސާގެ ބެކްލޮގް މާޗު ފަހެއްގެ ކުރިން ޚަލާސްކުރައްވާނެކަމަށެވެ. ނަމަވެސް މިއަދު ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ބެކްލޮގް އާއި ބެކްލޮގް ޚާލާސްކުރާނެކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމުގެ ތަފުސީލު އޮޅުންފިލުވަން ސުވާލު ކުރުމުން ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މިހާރު 147 މިލިއަން ”ބެކްލޮގް“ ގައި އެބަހުރި ކަމަށާއި، ރޯދަމަހުގެ ކުރިން ”ބެކްލޮގް“ ޚަލާސް ކުރައްވާނެކަމަށެވެ.

މާޗްމަހުގެ ފަހެއްގެ ނިޔަލަށް ”ބެކްލޮގް“ ޚަލާސްކުރަން ސަރުކާރުން ބުނި ނަމަވެސް، ފައިސާ ދޫކުރަމުންދާ ގޮތުގެ ތަފުސީލު މިފްކޯއިން އަދާހަމަކޮށް ހާމަކޮށްފައެއް ނުވެއެވެ. ”ބެކްލޮގް“ އަކީ ކިހާވަރެއްކަމާއިި މާޗު ފަހަކާއި ހަމަޔަށް ދެއްކިފައިވަނީ ކިހާވަރެއްކަމެއް މިފްކޯއިން ތަފުސީލުކޮށްނެއް އަދި ނުދެއެވެ. އެހެންކަމުން މީޑިއާތަކުން މިވާހަކަ ރިޕޯޓުކުރާއިރު، އާންމުންނަށް މިކަން އޮޅުންފިލުވައިދޭން ވަނީ ދަތި އުނދަގޫ ކަމަކަށް ވެފައެވެ. އެއީ ހިސާބު ދިމާނުވާތީ އެވެ.

ކޮންމެއަކަސް މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ”ބެކްލޮގް“ އެއްކޮށް ޚަލާސް ނުވާކަން އިނގެއެވެ.

 

 

 

 

 

މިލިޔުމާއި ގުޅޭ